ސުޕްރީމް ކޯޓް

ނަދީމުގެ މަރު: ދައުވާ ލިބޭ މީހުން ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަށް ދަށު ކޯޓުގައި ކުށް ސާބިތުވެފައި ނުވާތީ މައްސަލައިގެ އިސްތިއުނާފް ނިމެންދެން އެ މީހުން ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައިކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމަށެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ މި މީހުން މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިއަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު އެވެ. ހައިކޯޓުން ނިންމީ އިސްތިއުނާފްކޮށްފައިވާ މައްސަލަ ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަނެއް ނެތް ކަމަށެވެ. އެހެންވެ ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައި ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެދިފަ އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ ބަޔަކު ދަށު ކޯޓު މަރުހަލާގައި ކުށް ސާބިތު ނުވެގެން ދޫވެގެން ދިއުމުން އެ މައްސަލަ އިސްތިއުނާފްކޮށް އެ މީހުން ބަންދުގައި ބަހައްޓައިދޭން އެދުނު ނަމަވެސް އެކަން ކުރާނެ އިޖުރައާތެއް ނެތް ކަމަށް ބުނެ އެ މީހުން ބަންދުކޮށްދޭން ހައިކޯޓުން އަމުރެއް ނުދިން ކަމަށެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން ކަރަމް އާއި ޝާމިންގެ ވަކީލުވެސް ވިދާޅުވީ މުޖުތަމައަށް ދޫކޮށްލި ބައެއްގެ މައްސަލަ އިސްތިއުނާފް ކުރުމަށްފަހު އެ މީހުން ބަންދުކުރަން ހައިކޯޓުން އަމުރެއް ކުރިޔަސް އެކަން ކުރާނެ ގޮތުގެ އިޖުރާއަތެއް އަދި އުސޫލެއް ނެތި މީހުން ހައްޔަރުނުކުރެވޭނެ ކަމަށެވެ. ދައުވާ ލިބޭ މީހުން ޝަރީއަތް ނުނިމި ފަސް އަހަރު ބަންދުގައި ތިބިކަންވެސް ވަކީލް ފާހަގަކުރެއްވި އެވެ.

ދައުވާ ލިބޭ މީހުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެންޖެހުމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ބައެއް ސުވާލުތައްވެސް ދައުލަތަށް އަމާޒުވި އެވެ. އަދި ހައިކޯޓުގައިވާ މައްސަލަ ވަކި މުއްދަތަކަށް ނިންމަން ސުޕްރީމް ކޯޓަށް އެންގިދާނެތޯވެސް ފަނޑިޔާރުން ސުވާލުކުރެއްވި އެވެ. ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ތެރެއިން މައްސަލައެއް ވަކި މުއްދަތަކަށް ނިންމަން އެންގިދާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.

މިމައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިމުނީ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރި އެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ތާރީހެއް ނުބުނެ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ސުއޫދެވެ.