ސުޕްރީމް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތަބާނުވުމުން، މީހަކު މެރިކަމަށް ތުހުމަތު ކުރެވޭ މީހަކު މިނިވަން ވެއްޖެ އެވެ.
މިއީ މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވ. ކެޔޮދޫ، ދޭލިޔާގޭ 19 އަހަރުގެ މޫސާ އަހްމަދު ކިޔާ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް ސައްމާހު އަހްމަދު ފަތުހީގެ ބަންދާ ގުޅޭ މައްސަލަ އެވެ.
ސައްމާހުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދަށު ކޯޓުން ސާބިތުނުވުމުން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި ހައިކޯޓުގައި ދައުލަތުން އެދުނީ، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ސައްމާހް ބަންދުކޮށްދިނުމަށެވެ. އެކަމަކު ހައިކޯޓުން އެގޮތަށް ކަނޑައަޅައި ނުދިނުމުން ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ މިދިޔަ ހަފްތާގައި ނިންމިއިރު ސައްމާހު ހަތް ދުވަހަށް ބަންދުކޮށް، ހައިކޯޓަށް އަމުރު ކުރީ، ހަތް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް ހަތް ދުވަސްވީއިރުވެސް ހައިކޯޓުން އެ ކަމުގައި ގޮތެއް ނުނިމި ސައްމާހު މިހާރު ވަނީ މިނިވަންވެފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ހައިކޯޓުން މި މައްސަލައިގައި އަލުން ގޮތެއް ނިންމާފައި ނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
ސައްމާހު ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރި މުއްދަތު ހަމަވިއިރުވެސް ހައިކޯޓުން ސުޕްރީމް ކޯޓުގެ އަމުރާ އެއް ގޮތަށް އެކަމުގައި ގޮތެއް ނިންމާފައި ނުވުމުން ސައްމާހް މިނިވަން ވެފައިވާކަން ޕީޖީ އޮފީހުންވެސް ކަށަވަރު ކޮށްދިނެވެ.
މޫސަގެ މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. މީގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.