ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު "ސްލޯ" ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އަދާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރޮޒައިނާގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައިވާތީ އެވެ.
ރޮޒައިނާ ވިދާޅުވީ އައްޑޫ ފެން ކެނޑިގެން އެތައް ވަގުތެއް ހޭދަވެގެން ދިޔައިރު ފެންނަނީ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރަށް ނުވި މަންޒަރު ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އައްޑޫއަށް އިހްމާލުވުމަކީ މިސަރުކާރަށް ވަރަށް އާދައިގެ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުތަކުގެ އިހްމާލުގައި އައްޑޫގެ ރައްޔިތުން އެތައް އަހަރެއް ހޭދަކޮށްފި ކަމަށާއި އެކަމަކު ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށްވެސް ވިދާޅުވި އެވެ.
"ބައްލަވާ ރައީސް މުއިއްޒު. އައްޑޫއަށް އަދިވެސް ފެން ނުލިބޭ. ކިހާ ދެރަކަމެއްތޯ މިއީ؟ މަނިކުފާނަށް އިހްސާސް ކުރެވޭތޯ ފެނާ ނުލައި ބަޔަކު މިހާރު އިރު އުޅެން ޖެހުނީމާ ވާނެ އުދަނގޫތައް،" ރައީސް މުއިއްޒުއާ ސުވާލުކުރައްވާ ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ "ތިހާ ސްލޯކޮށް ނޫޅުއްވާ" ފެނުގެ ހިދުމަތް ދިނުން އަވަސް ކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގަންނަވާ ކަމަށެވެ.
"އެމްޑީޕީ ފަސް އަހަރުގެ ސަރުކާރެއް ނިންމާލީ ރައްޔިތުންނަށް މިފަދަ ހާލެއް ނުޖައްސާ،" ރޮޒައިނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ސްލޯ ކަމަށް ވިދާޅުވެ ރޮޒައިނާ ސަރުކާރަށް މަލާމާތް ކުރެއްވިއިރު ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ "ސްލޯ" ސަރުކާރެއްގައި ގޮތުގައި ޕީޕީއެމް ޕީއެންސީ އިދިކޮޅުގައި އޮވެ ލޭބަލް ކުރި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ އާރްއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ފެނަކައިން ބުނެ އެވެ. މިމައްސަލަ ހައްލުކޮށް މިރޭގެ ވަގުތެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ބުނެފައިވެ އެވެ.