ތެލަސީމިއާއަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް ހަދައި ބޯންމެރޯގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ކުރެވޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ނިންމުންތައް ހާމަކުރެއްވުމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ -- ފިރުޒުލް މުހައްމަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ތެލަސީމިއާ ކުދިންގެ ބޯންމެރޯގެ ފަރުވާ ސަރުކާރުގެ ހަރަދުތައި ކުރެވޭ ގޮތް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ފިރުޒުލް ވިދާޅުވީ ތެލަސީމިއާ ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް ހެދުމަކީ ރައީސް މުއިއްޒުގެ ދުރު ރާސްތާގެ އަމާޒެއް ކަމަށެވެ. އެތަން ހަދާނީ ރަށްރަށުން ވެސް ތެލަސީމިއާގެ ފަރުވާ ހޯދަން ބޭނުންވާ މީހުން އެތަނަށް ގޮސް ތިބޭ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެެ.
ތެލަސީމިއާ ފަރުވާ ހޯދަންޖެހޭ ކުދިން ސަރުކާރުގެ ހަރަދުގައި ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމުގައިވެސް ފިރުޒުލް ވިދާޅުވި އެވެ. އެގޮތަށް ފަރުވާއަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުދިން ފޮނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބްލްސް އާސަންދައިން ލިބުނު ނަަމަވެސް އެފަދަ ތަކެތި މިހާރު ހޯދަންޖެހެނީ މޯލްޑިވްސް ބްލަޑް ސާވިސް މެދުވެރިކޮށް ކަމަށްވާތީ އެ ތަކެތި ލިބުމުގައި ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށްވެސް ކެބިނެޓުން މިއަދު ނިންމި ކަމަށެވެ.
"އެގޮތުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބްލްސް އެސްޓީއޯ އިން ރާއްޖެއަށް ގެނެސް މާލެއާއި އަތޮޅު ތެރޭގެ ބޭސް ފިހާރަތަކުން ބޭސް ސިޓީއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައި،" ފިރުޒުލް ވިދާޅުވި އެވެ.
ތެލަސީމިއާ ވާރުތަކުރޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓް ރާއްޖޭގައި ހެދެނީ އަމިއްލަ ތަނަކުން ކަމަށްވެފައި އެ ހިދުމަތަށް އާސަންދަ ނުލިބޭތީ ކައިރި މުސްތަގުބަލެއްގައި އެއީ އާސަންދަ ލިބޭ ހިދުމަތަކަށް ހެދުމަށް ކެބިނެޓުން ނިންމި ކަމުގައި ފިރުޒުލް ވިދާޅުވި އެވެ. އަދި މެދު ރާސްތާގައި ޑީއެންއޭ ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހެދޭނެ ގޮތް ހަމަޖައްސަމުން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ގަވައިދުން ލޭ އަޅަންޖެހޭ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ ބައިތައް އިތުރުވާ މިންވަރު ބެލުމަށް ހަދަންޖެހޭ ޓީޓޫ ސްޓާ ޓެސްޓް ދެ އަހަރުން އެއް އަހަރު ހަދަންޖެހޭއިރު މިވަގުތު މި ހިދުމަތަށް އާސަންދަ ނުލިބޭ ކަމަށެވެ. އެހެންކަމުން މިއީ ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރެއިން ލިބޭ ހިދުމަތެއްގެ ގޮތުގައި ހަމަޖައްސައިދީ އާސަންދަ ލިބޭ ހިދުމަތަކަށް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.