ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގައި އަދާކުރަމުންދިޔަ ވަޒީފާގައި ދެމިހުރުމަށް ވަކި ހާއްސަ އުސޫލެއް ހަދައިދީފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފި އެވެ.
މެޑަމް ސާޖިދާ ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ ވަޒީފާގައެވެ.
ސާޖިދާ ވަނީ އެކަމަނާގެ ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ފަސްޓްލޭޑީއެއްގެ ޒިންމާ އަދާކުރެއްވުމަށްޓަކައި އެކަމަނާގެ ރަސްމީ ވަޒީފާއިން ނޯޕޭލީވްއެއް ދިނުމަށްފަހު ކޮންޓްރެކްޓް އުސޫލުން ސަރުކާރުގައި މަސައްކަތް ކުރުމަށް ފުރުސަތު ދެއްވުމަށް ސީއެސްސީގައި އެދިވަޑައިގެންފަ އެވެ. އަދި ހެލްތު މިނިސްޓްރީން ވަނީ އެކަމަނާގެ ހިދުމަތް ބޭނުންވާ ކަމަށްވެސް ބުނެފަ އެވެ.
ސާޖިދާއަށް މިފަދަ ކޮންޓްރެކްޓެއް ދިނުމަށް ސީއެސްސީ އިން ނިންމުމަކީ ހާއްސަ އުސޫލަކުން އަމަލުކުރުން ކަމަށް ބައެއް އާންމުންނާއި މަޖިލީހުގެ ބައެއް މެންބަރުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ ސާޖިދާއަށް ކޮންޓްރެކްޓެއް ދިން މައްސަލައިގައި ސީއެސްސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ މެޑަމް ސާޖިދާ ފަސްޓްލޭޑީއަކަށް ވުމުން ގާނޫނާއި ގަވައިދުގެ ބޭރުން ވަކި ހާއްސަ އުސޫލެއް ހަމަޖައްސައިދިނުމުގެ އެއްވެސް ކަމެއް ކޮމިޝަނުން ކޮށްފައި ނުވާ ކަމަށެވެ. އެކަމަނާ ފަސްޓްލޭޑީއެއްގެ ގޮތުގައި ހުންނަވައި، ސަރުކާރުގައި ވަޒީފާގައި ހިދުމަތް ކުރެއްވުމަށް އެދިވަޑައިގަންނަވާނަމަ އެކަން މަނާކުރުމުގެ ހުއްދައެއް ސީއެސްސީއަށް މިވަގުތު ލިބިގެން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"މެޑަމް ސާޖިދާގެ މަގާމުގެ ގޮތުން [ފަސްޓްލޭޑީއަކަށްވުމުން] ފުލްޓައިމްކޮށް މަސައްކަތް ކުރެވެން ނެތުމުން، ހެލްތް މިނިސްޓްރީގެ އެދުމަށް އެކަމަނާއަށް ވަނީ ކޮންޓެކްޓް އުސޫލުން މަސައްކަތް ކުރާނެ ހުއް ދަދެއްވާފައި،" ނާސިހް ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ސީއެސްސީގެ މެންބަރު މުހައްމަދު ފަރުސަތު ވިދާޅުވީ ސާޖިދާއަށް ކޮންޓްރެކްޓެއް ދިނުމުގެ ބޭނުމުގައި ސީއެސްސީ އިން ހެދި ކަމަށް ބުނާ ހާއްސަ އުސޫލަކީ މާކުރިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ. މިއުސޫލުގެ ދަށުން ސާޖިދާގެ އިތުރުން ބައެއް އެހެން ބޭފުޅުންނަށްވެސް ބައެއް އިންތިޒާމުތައް ހަމަޖައްސައިދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން މިހާރު އޮތް އުސޫލާ މެދު ހިތްހަމަނުޖެހޭނަމަ ގާނޫނުތައް އިސްލާހުކޮށްގެން މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެ އުސޫލަށް ބަދަލު ގެނައުމަށްފަހު ކޮންސިސްޓްކޮށް ހުރިހާ އެންމެންނަށް އަމަލުކުރަމުން މިދަނީ. މިއީ ވަކި ބޭފުޅަކަށް ހާއްސަކޮށްފައިވާ އުސޫލެއް ނޫން،" ފަރުސަތު ވިދާޅުވި އެވެ.
ސީއެސްސީގެ ނައިބް ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ މެޑަމް ސާޖިދާ މިވަގުތު ސިވިލް ސާވިސްގައި މަސައްކަތް ކުރައްވަނީ ކޮންސަލްޓެންޓެއްގެ ގޮތުގައި ކަމަށްވާތީ އެކަމަނާ މިހާރު މުސާރަ ލިބިވަޑައިގަންނަވާނީ މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 75 ރުފިޔާ ކަމަށެވެ. އެއީ ކޮންމެ މަހަކު ވެސް އެންމެ ގިނަ ވެގެން 48 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް އޮންނަ އެއްބަސްވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ހަމައެކަނި ކޮންސަލްޓެންސީ ދިނުމަށް އޮފީހަށް ވަޑައިގަންނަވާއިރު އެ ގަޑިއަކަށް އެކަނި ސެލެރީ ލިބިގެންދާނީ،" ސީއެސްސީގެ ނައިބް ރައީސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ނޯޕޭގައި ހުރެގެން މުވައްޒަފަކު ވަޒީފާ އަދާކުރާ ހާލަތްތަކުގައި ކަމާ ގުޅޭ މިނިސްޓްރީއަކުން ބޭނުންވާނަމަ ވަގުތީ ގޮތުން އެ މަގާމަށް އެހެން މުވައްޒަފެއް ނެގުމުގެ ބާރުވެސް އޮންނާނެ ކަމަށެވެ.
މެޑަމް ސާޖިދާއަށް ކޮންޓްރެކްޓެއް ހަމަޖައްސައިދިން މައްސަަލައިގައި ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަސައްކަތަށް ސާޖިދާ ނިކުންނަވާނަމަ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ މަސައްކަތް ކުރާ މުވައްޒަފުންނަށް އުދަނގޫތަކަކާ ޖެހިލުންވުމެއް ހުންނާނެ ކަމަށެވެ. އަދި އެކަމަނާގެ ފިރިކަލުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.