ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮންޓްރެކްޓް އުސޫލުން ސަރުކާރުގައި މަސައްކަތް ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 21 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޔައުގޫބު ވިދާޅުވީ ސާޖިދާއަށް ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް މުސާރަ ނުލިބޭ ގޮތަށް މިނިސްޓްރީ އޮފް ހެލްތުން އެކަމަނާ ވަޒީފާއިން ވީއްލުމަށްފަހު ވޭޖް އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމަށް އެ މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދާފައިވާތީ އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަންބޮޑުވުންފާޅުކުރަމުންދާ ކަމަށެވެ.
ސާޖިދާ އެކަން ކުރައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށްވެސް ޔައުގޫބު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަނަކީ ގާނޫނާއި ގަވާއިދުގެ ތަރަހައިގެ ތެރެއިން ފުރިހަމައަށް ތަރުތީބުވެގެން މަސައްކަތް ކުރައްވަމުން އަންނަ ކޮމިޝަނަކަށް ވީނަމަވެސް އެކަމަނާ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ ސަބަބުން އެ ކޮމިޝަނަށް މިނިވަންކަމާއެކު ގޮތް ނިންމުމަށް ނުކުޅެދިފައިވާކަން އެނގެން އޮތް ހިނދު،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޔައުގޫބު ވިދާޅުވި އެވެ.
ސާޖިދާއަށް ހާއްސަކޮށް ސިވިލް ސާވިސް ކޮމިޝަންގެ ގަވާއިދު ރޫހާއި ހިލާފަށް މާނަކޮށް ވަކި ގޮތަކަށް އަމަލުކުރުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށްވެސް ޔައުގޫބު ވިދާޅުވި އެވެ.
މުސާރަ ނުލިބޭ ގޮތަށް ވިއްލޭނެ ކަންތައްތަކުގެ ގޮތުގައި ތިން ހާލަތެއް ސިވިލް ސާވިސްގެ ގަވާއިދުގައި ބަޔާންކުރާކަން ޔައުގޫބު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ހާލަތަކަށް އެކަމަނާގެ ނޯ ޕޭ ލީވް ޝަރުތު ހަމަނުވާ ކަމަށްވެސް ޔައުގޫބު ވިދާޅުވި އެވެ.