ހަބަރު

ސީމެގުން ރާއްޖެއަށް ފިޔަވަޅު އަޅަން ނިންމާނެ ކަމަށް ގަބޫލު ނުކުރެވޭ: އާޒިމާ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން އޮޅުން ފިލުވުމަށް ސީމެގްގެ ވަފުދެއް ވަނީ ވަރަށް ފަހުން ރާއްޖެ އައިސްފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާޒިމާ ވިދާޅުވީ، ސީމެގުން ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ވަރުގެ ސަބަބެއް ނެތް ކަމަށެވެ. ރާއްޖެއަކީ ހައްދުފަހަނައަޅާފައި ތިބި މީހުން ދިރިއުޅޭ ގައުމެއް ނޫން ކަމަށާއި، ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ބޭރުގެ އެކި ފަރާތްތަކާއެކު ސަރުކާރުން ކުރި މަސައްކަތުން ރާއްޖެއާއި ބެހޭ ވަރަށް ގިނަ ކަންކަން އެ ފަރާތްތަކަށް އޮޅުންފިލާފައިވާ ކަމަށެވެ.

ރާއްޖެއާ މެދު ފިޔަވަޅު އެޅުމާ ދޭތެރޭ މިއަދު ބާއްވާ ސީމެގްގެ ބައްދަލުވުމުގައި ނިންމާނެ އެވެ.

އާޒިމާ ވިދާޅުވީ، ސިޔާސީ ދާއިރާ އާއި އަންހެނުންގެ ދާއިރާއާއި ކުޑަކުދިންގެ ދާއިރާ ފަދަ ހާއްސަ ދާއިރާތަކުން ރާއްޖޭގައި ވަރަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަންކަން ބޭރުގެ ފަރާތްތަކަށް މިހާރު އެނގެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވި އދ. ވަފުދުގެ ބޭފުޅުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާން. އެހެންވީމަ އެގޮތުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން، އަންހެނުންގެ ތަރައްގީއާއި ކުޑަކުދިންގެ ދާއިރާއާއި މިކަހަލަ ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއިން މުހިއްމު މަސައްކަތކެއް ކޮސްފަ އެބަ ހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަރާތުން ނުރަނގަޅު ވާހަކަތަކެއް ދެކެވޭ ކަމަށް ވާނަމަ އެކަމާ ކަންބޮޑުވާ ބޭރުގެ ފަރާތްތައް ހުންނާނެ ކަމަށެވެ. ނަމަވެސް އެއީ އޭގެ ޒާތުގަ މައްސަލައެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދެކެވޭ ހިނދު، އެ ކަމަކާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ރާއްޖެއަށް ލިބޭ ކަމަށެވެ.

"ހާއްސަކޮށް ރާއްޖޭގެ ސިޔާސީ ލީޑަރުން ވާހަކަ ދައްކާ ކަމަށް ވަންޏާ އެކަމާ ބެހޭގޮތުން ކަންބޮޑުވާނެ ބަޔަކު ތިބޭނެ. އެއީ އޭގެ ޒާތުގަ ގޯސްކަމެއް ނޫން. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފުރުސަތު އެބަ ލިބޭ އަޅުގަނޑުމެންނާ ބެހޭގޮތުން ރަނގަޅު މައުލޫމާތު ފަތުރަން. އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް، އަޅުގަނޑުމެންގެ ގިނަ ކޮންސޫލާ މިޝަންތައް ރާއްޖޭން ބޭރުގައި ހުރުމަކީ. އެހެންވީމަ އަޅުގަނޑުމެން ރާއްޖޭގެ ރަނގަޅު ހާލަތު ނުފެންނަނީ،" އާޒިމާ ވިދާޅުވި އެވެ.