ދުނިޔެ

އަހަންނަކީ ޒަޔަނިސްޓެއް: ބައިޑަން

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ހޯމަ ދުވަހު -- 800 އެއްހާ މީހުންގެ ހާޒިރުގައި -- އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުން އޭނާ އަކީ ޒަޔަނިސްޓެކެވެ.

ބައިޑަން ވިދާޅުވީ ޒަޔަނިސްޓަކަށް ވުމަށް ކޮންމެހެން ޔަހޫދީއަކަށް ވުން ލާޒިމު ނޫން ކަމަށެވެ. އެހެންވެ އޭނާ އަކީ ޒަޔަނިސްޓެއް ކަމަށާއި ނަމަވެސް ޔަހޫދީއެއް ނޫން ކަމުގައި ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ އޭނާ އަކީ ޔަހޫދީއަކަށް ނުވާ ޒަޔަނިސްޓެއް ކަމަށް ވިދާޅުވާތީ އޭނާއަށް މީހުން މަލާމާތްކޮށް ޖޯކުޖަހާ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުން އޭނާ އަކީ ޔަހޫދީންނާ ވަރަށް ގާތް ތިމާގެ މީހެކެވެ. އޭނާގެ ހިތުގައި ޒަޔަނިސްޓުންނަށް އޮންނަ ލޯތްބާއި އަޅާލުމާ މެދު މީހަކު ސުވާލުކުރާނެ ކަމެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ. އެއީ އެހާވެސް ސާފު އަދި ސިދާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

މެދުއިރުމަތީގައި ޒަޔަނިސްޓް ޔަހޫދީ ދައުލަތެއް ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. އަދި އެ ދައުލަތުގެ ރައްކާތެރިކަމާއި ސަލާމަތަކަށްޓަކައި އެމެރިކާއިން ކޮންމެފަދަ ހޭދައެއްވެސް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ޔަހޫދީންނާ ދެކޮޅުވެރި ގޮވާލުންތަކުގެ އަޑު ދުނިޔޭގައި ގަދަވަމުން އަންނަ ކަމަށެވެ. އަދި އެކަމަށް އޮތް ނަފުރަތު އޭނާ ހާމަކުރެއްވި އެވެ.

ޒަޔަނިސްޓު ޔަހޫދީން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި -- އަރަބި ދުނިޔެއިން ކުރަމުން ގެންދާ އާދޭހަށް ބެލުމެއް ނެތި، ޔަހޫދީންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެނީ ބައިޑަން ސަރުކާރުންނެވެ.

ވައިޓް ފޮސްފަރަސް ފަދަ ނުރައްކާތެރި ކެމިކަލް ވަޒަންތައް، ޣައްޒާއާ ދެކޮޅަށް ބޭނުންކުރުމަކީ އެމެރިކާ ދެކޭ ގޮތުގައި އެއްވެސް މައްސަލައެއް ނޫނެވެ.

ބައިޑަން ވިދާޅުވީ ޒަޔަނިސްޓުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. ދިރިތިބުމަކީ ޒަޔަނިސްޓުންނަށް އޮތް ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާއިން ޒަޔަނިސްޓުންނަށް ވެދޭ އެހީއާ މެދު ދުނިޔެ ސުވާލުކުރާނެ ކަމެއް ނެތް ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. ޔަހޫދީންނަށް އެހީތެރިވުން އެމެރިކާ ދޫކޮށްނުލާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތް ނައްތާލުމަކީ ޒަޔަނިސްޓުންނަށް ވާޖިބުކަމެއް ކަމެއް ކަމަށެވެ. ހަމާސް ނައްތާލެވެންދެން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.