ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަޒީރުންނާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވުމުން ތިން ދުވަސް ތެރޭގައި ޖަވާބު ދެއްވަންޖެހޭ ގޮތް ހެދުމަށް ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
މިއިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން މެންބަރަކު ވަޒީރަކަށް ސުވާލެއް ފޮނުވުމުން މަޖިލީހަށް ހާޒިރުވެ ވަޒީރު ޖަވާބުދާރީވާންޖެހެނީ މަޖިލީހުން ނޯޓިސް ދޭތާ 14 ދުވަސް ފަހުންނެވެ.
މިއިސްލާހުގެ އިތުރުން މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މެންބަރަކު ވަޒީރަކާ ކުރައްވާ ރަސްމީ ސުވާލުގެ އިތުރުން އެ ވަޒީރަކާ ގުޅޭ ދާއިރާ އިންވެސް ސުވާލުކުރެވޭ ގޮތް ހެދުމަށް ގާނޫނުގެ 16 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅުއްވާފަ އެވެ.
ރަސްމީ ސުވާލުގެ އިތުރުން އެހެން ސުވާލުތައް ވަޒީރުންނާ ކުރެވޭ ގޮތް ހެދުމަށް އިސްލާހު ހުށަހަޅުއްވާފައި މިވަނީ ރަސްމީ ސުވާލުގެ ބޭރުން އެހެން ސުވާލުތައް ކުރެއްވުމަށް މިވަގުތު ގާނޫނުގައި ޖާގަ ދީފައި ނުވާ ކަމަށް ވިދާޅުވެ އިއްޔެއިން ފެށިގެން ކަމާ ނުގުޅޭ އިތުރު ސުވާކުރަން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނިކޮށް މެންބަރުން ނުރުހުންވެފައި ތިއްބަ އެެވެ.
ރައްޔިތުންގެ މަޖިލިހުގެ ގާނޫނުގެ ތެރެއަށް ފައްތައިގެން ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މެމްބަރުންނަށް ދެއްވަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.