ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޑރ. ޝާހް

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޑރ. ޝާހް އަބްދުﷲ މާހިރު އިއްޔެ އައްޔަންކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޝާހް ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭރު ހުންނެވި ޖުމްހޫރީ ޕާޓީންވެސް ވަކިވެވަޑައިގެންފަ އެވެ.

ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިންގައި މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޝާހް، އޭނާގެ އެމްބީބީއެސް ނިންމެވީވެސް އެ ޔުނިވާސިޓީ ގައެވެ.

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ޝާހް ވަނީ ރާއްޖެއަށް ހިދުމަތް ކުރެއްވުމަށް ވަޑައިގަތުމުގެ ކުރިން އިނގިރޭސިވިލާތުގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސަންސް ވެސް އޮންނަ ޝާހްގެ ބައެއް ލިޔުންތައް މެޑިކަލް ޖާނަލްތަކުގައިވެސް ހިމަނާފައިވެ އެވެ.