ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވި އެއްވެސް ބޭފުޅަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބެ މިދިޔަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރި ބަޔަކު އުޅޭ ކަމަށެވެ. އެފަދަ ބޭފުޅަކު ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ނަމަވެސް ޕާޓީގެ ޓިކެޓް އެ ބޭފުޅަކަށް ނުލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.
"މިދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކެމްޕޭނު ކޮށްފައިވާ އެމްޑީޕީ މެމްބަރަކު ފާހަގަކުރެވިއްޖެނަމަ އަދި އެބޭފުޅަކު ކުރިމަތިލިޔަސް އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުންވެސް އެކަން ބެލުމަށް އެދޭނަން،" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ބޭފުޅުން ޝަރުތު ފުރިހަމަ ވޭތޯ ބެލުމަށް ލިޔެވިފައި ހުންނަ ޝަރުތުތަކެއްގެ އިތުރުން ޕާޓީއާއި ދެކޮޅަށް އެ ބޭފުޅަކު މަސައްކަތް ކޮށްފައިވާނަމަ އެއީވެސް ޝަރުތެއް އުނިވުން ކަމަށް ބައްލަވާނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭއިރު ޕާޓީއަށް ކޮށްދީފައިވާ ހިދުމަތްތަކާއި، ޕާޓީގައި އުޅެފައިވާ މުއްދަތާއި، ޕާޓީގެ ގަވައިދުގައި ބުނެފައިވާ ޝަރުތުތަކަށް ވަރަށް ބޮޑަށް ބަލާނެ ކަމަށްވެސް އިބްރޭ ވިދާޅުވި އެވެ.
"[ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރި] ބޭފުޅުންގެ ޝަރުތު އުނިވާނެ. ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އެ ބޭފުޅުންގެ ޝަރުތު އުނިވާނެ،" އިބްރޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ މިވަގުތު އޮތީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށްވާތީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ކެންޑިޑޭޓުންގެ އަދަދު މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ބައެއް ދާއިރާތަކުގައި ޕްރައިމަރީއެއް ނުބާއްވާ ޓިކެޓް ދޭން ޖެހޭ ދާއިރާތަކެއް ހުރެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.