ދުނިޔެ

ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރާކަން އެނގޭކަށް ނެތް: އެމެރިކާ

ފަލަސްތީންގެ ޣައްޒާގައި ނޫސްވެރިންގެ ގޮތުގައި ނުވަތަ މިފަދައިން ޚަބަރަށް މައުލޫމާތު އެއްކުރުމުގައި އުޅެނިކޮށް ޒަޔަނިސްޓުންގެ ހަމަލާތަކުގައި 57 މީހަކު ވަނީ މަރުވެފަ އެވެ.

މީގެ ތެރޭގައި ކެމެރާމަނުންނާއި ފޮޓޯ ޖާނަލިސްޓުން އަދި ވީޑިއޯ ޖާނަސްލިސްޓުން ވެސް ހިމެނެ އެވެ.

ޒަޔަނިސްޓުން ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގައި އެކި ނޫސް އޭޖެންސީތަކުގެ ނޫސްވެރިންނަށް ހަމަލާތައް އަމާޒުކޮށް ވަނީ މަރާފަ އެވެ. މީގެ ތެރެއިންވެސް ގަތަރުގެ އަލްޖަޒީރާ ނޫސްވެރިންނަށް ގިނަ ހަމަލާތަކެއް ޔަހޫދީން ވަނީ އަމާޒުކޮށްފަ އެވެ.

ދެކުނު ޣައްޒާގެ ޚާން ޔޫހިސްގައި އާންމުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލަކަށް ޔަހޫދީން ދިން ހަމަލާތަކެއް ކަވަރުކުރުމުގައި އުޅެނިކޮށް އަލްޖަޒީރާގެ ކެމެރާމަނެއް ކަމަށްވާ ސާމިރު އަބޫދަގާ ވަނީ މަރާލާފަ އެވެ.

އަބޫދަގާ މަރާލީ ޒަޔަނިސްޓުން ގަސްދުގަ އެވެ. އޭނާއަށް ހަމަލާދިނުމަށްފަހު މަރުވާން މަގުމައްޗަށް އޮތީ ދޫކޮށްލާފަ އެވެ. އޭނާއަށް އެހީތެރިވާން އެއްވެސް މީހަކަށް އޭނާގެ ގާތަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ. ފަސްޓް އެއިޑަށް އަދި އެމްބިއުލާންސަށްވެސް އޭނާގެ ގާތަށް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ނޫސްތަކުން ކުރި ޝަކުވާއަށް ރައްދު ދެމުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ ޚަބަރު ފަތުރާ ވަސީލަތްތަކަށް އަމާޒުކޮށް ޒަޔަނިސްޓު ޔަހޫދީން ހަމަލާ ނުދޭ ކަމަށެވެ.

ނޫސްވެރިންނަށް އަދި މިފައިދައިން ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް ޔަހޫދީން ސިފައިން ގަސްދުގައި ހަމަލާދޭނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސާމިރު އަބޫދަގާ އަކީ ހަތަރު ކުދިންގެ ބައްޕަ އެވެ. އޭނާ އަކީ ޖެހިލުން ކުޑަ ކެމެރާމަނެކެވެ. ބައެއް ފަހަރު ފޮޓޯ ޖާނަލިސްޓެއް ގޮތުގައި ވެސް މަސައްކަތްކުރެ އެވެ.

ހަނގުރާމައިގެ މައިދާނަކީ ނޫސްވެރިންނަށް ވެސް ރައްކާތެރި މާހައުލެއް ނޫންކަން އެ މީހުންވެސް ދަންނަން ޖެހޭ ކަމަށް ޖޯ ބައިޑަންގެ ސަލާމަތާ ބެހޫ މުޝީރު ޖޭކް ސުލިވާން ވިދާޅުވި އެވެ. ނަމަވެސް ގަސްދުގައި ނޫސްވެރިންނަށް ހަމަލާދިނުން އެމެރިކާ ބަލައިނުގަންނާނެ ކަމަށް ސުލިވާން ވިދާޅުވި އެވެ.

އަލްޖަޒީރާ އަކީ ޒަޔަނިސްޓް ޔަހޫދީ ވެރިން ވަރަށް ނަފުރަތުކުރާ ނޫސް އެޖެންސީއެކެވެ. އެންމެ ބޮޑު ސަބަބަކީ ހުޅަނގަށް ފޫޅުކެނޑި -- ސީއެންއެން އަދި ބީބީސީން ވެސް ރިޕޯޓްނުކުރާ ފެންވަރުގައި އަދި ފާޅުކަން ބޮޑު ގޮތުގައި އަލްޖަޒީރާ އިން ޚަބަރުތައް ގެނެސްދިނުމެވެ.