ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމުގެ ހައްގު ސަރުކާރުން ހަނިކުރަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އެވެ.
މައްސަލަ ހުށަހަޅުއްވަމުން މޯޑް ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގައިވާ ގޮތުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމާއެކު ނޫސްވެރިކަމުގެ މިނިވަންކަން ކޮންމެ މީހަކަށް ފުޅާދާއިރާއެއްގައި ލިބިދީފައިވާ ކަމަށެވެ.
މޯޑް ވިދާޅުވީ ރާއްޖޭގައި ހިންގާ ބައެއް ނޫސްތައް މިސަރުކާރުން ބަންދުކޮށްފައިވާތީ އެކަމަކީ ގާނޫނީއަސާސާއާ ހިލާފަށް ރައްޔިތުންނަށް ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން މިސަރުކާރު ޑިމޮކްރަސީއާއި ބީރަށްޓެހިވެ ގައުމުގެ އެތައް ކަމެއް އެތައް އަހަރެއް ފަހަތައް ޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ނޫސްވެރިންނާއި ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ސަރުކާރަށް ގޮވާލަން،" މޯޑް ވިދާޅުވި އެވެ.
ކުއްލި މައްސަލަ ބަލައިގަތުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މިމައްސަލަ ބަލައިގަތުމަށް 30 މެންބަރުން ވޯޓު ދެއްވި އެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.