މޯލްޑިވްސް ނޭޝަނަލް ޕާޓީ

މުސާރަ ބޮޑުކުރަން ފާސްނުކުރަން އެމްއެންޕީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެކަން ކުށްވެރިކޮށްފި އެވެ.

އެމްއެންޕީ އިން ބުނީ މިދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް އަދި އާންމު ރައްޔިތުންގެ މުސާރަތަކަށް އެދެވޭ ބަދަލެއް އައިސްފައިވާ ވަގުތެއް ނޫން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބަޖެޓަކަށްވާއިރު ދައުލަތުގެ އެންމެ އިސް ބޭފުޅުންގެ މުސާރަ މިވަގުތު ބޮޑު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް އެމްއެންޕީ އިން ބުނެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުން ފާސް ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ގޮވާލަމެވެ،" އެމްއެންޕީގެ ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުން ފާސްކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބް ރައީސް އަދި ވަޒީރުންގެ މުސާރަ މިވަގުތު ބޮޑުކުރަން ނުފެންނަ ކަމަށް ބުނެފަ އެވެ.