ރައްޔިތުންގެ މަޖިލިސް

"މުސާރަ ބޮޑުކުރުން ރަނގަޅު، ފާޑުކިޔަނީ ސިޔާސީކޮށްގެން"

ދައުލަތުގެ އިސްވެރިންގެ މުސާރަތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައް ބޮޑުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ރައްދުދީ މުސާރަތައް ބޮޑުކުރަން ނިންމީ އެކަން ކުރަން އޮންނަ އެންމެ ރަނގަޅު އުސޫލުން ކަމަށް ބުނެފި އެވެ.

ދައުލަތުގެ އިސްވެރިންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް މުސާރައް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރިއިރު މަޖިލީހުގެ މެންބަރުންނަށް މަހަކު އެއްލައްކަ ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އެއީ މެންބަރުންނަށް މިހާރު މުސާރައިގެ ގޮތުގައި ލިބޭ 62،000 ރުފިޔާގެ ބަދަލުގައި 82،000 ރުފިޔާ އާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި މިހާރުވެސް ލިބޭ 20،000 ރުފިޔާއާ އެކު ޖުމްލަ އެއްލައްކަ ރުފިޔާ އެވެ.

މެންބަރުންގެ މުސާރަތައް ބޮޑުވުމާ ގުޅިގެން އަމާޒު ފާޑުކިޔުންތަކުގެ ސަބަބުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ މާލިއްޔަތު ކޮމިޓީގެ ނިންމުން ވަރަށް ބޮޑަށް ދިފާއު ކުރައްވާފަ އެވެ.

ބިގޭ ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ކޮމިޓީން ނިންމީ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް -- ޕްރައިވެޓައިޒޭޝަން ބޯޑުގައި ހިމެނޭ މެންބަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ސިޓީއެއްް ފޮނުއްވި ހިސާބުން ކަމަށެވެ. އެ ސިޓީއާ ގުޅިގެން މެންބަރުންނަށް ފެނިވަޑައިގަތީ ވަކިވަކި އިދާރާތަކުގެ މުސާރަތަކަށް ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މުސާރަތައް ދިރާސާކޮށް އެންމެންނަށްވެސް ރަނގަޅު ބަދަލެއް އަންނަ ގޮތަށް އޮނިގަނޑު ބަދަލުކުރުމަށް ކަމުގައި ވިދާޅުވި އެވެ.

"މިދެންނެވި ސިޓީ ލިބުމުގެ ކުރިން އެކި މުއައްސަސާތަކުންވެސް ތަކުރާރުކޮށް އެދެމުން ދިޔަ އެތަންތަނުގެ މުސާރަތަކަށް ބަދަލެއް ގެނައުމަށް. އެހެންވެ ވަކި މިންގަނޑެއްގެ ތެރެއިން ހުރިހާ މުއައްސަސާއަކަށް ހަމަހަމަ އުސޫލަކުން އެއް ނިސްބަތަކުން މުސާރައިގެ ކުރިއެރުން ގެނެސްފައި އެހުރީ،" ބިގޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރަތައް މަޖިލީހުން ކަނޑައަޅާތީ ފާޑުކިޔަމުން ދިޔަ ނަމަވެސް އެއީ ގާނޫނީ ގޮތުން އެކަން ކުރަން އޮތް ގޮތް ކަމަށެވެ. މެންބަރުންގެ މުސާރަ ބޮޑުކުރާނަމަ އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހާ އެކު ބޮޑު ކުރި މުސާރަ ލިބޭ ގޮތް ނުހެދީ ކީއްވެގެންތޯ ދެންނެވުމުން ބިގޭ ވިދާޅުވީ މުސާރަ ބޮޑުކުރަން ކޮންމެހެން މެންބަރުން ބޭނުންވާނަމަ އެކަން ކުރާނީ މިހާރު އޮތް މަޖިލީހުގެ ދައުރު ނިމެން ހަތަރުފަސް މަހަށް ވީމާ ނޫން ކަމަށެވެ. އޭގެފަހުގައި އޭނާ ވިދާޅުވީ މަޖިލީހުގައި ގިނައީ އަތޮޅު ތެރެއިން ވަޑައިގެން އުޅުއްވާ މެންބަރުން ކަމަށާއި އެ މެންބަރުންވެސް މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ އެކި ކަންކަމުގައި ދާއިރާއަށް ދަތުރުކުރެއްވުމުގައި ބޮޑެތި ހަރަދުތަކެއް މެންބަރުން ކުރައްވާތީ މެންބަރުންވެސް އުޅުއްވަނީ ދަތިކޮށް ކަމަށް ސިފަވާ ގޮތަށް ބިގޭ ވާހަކަ ދެއްކެވި އެވެ.

"އަމިއްލަ ތަޖުރިބާއިންވެސް އެހެން މެމްބަރުންގެ ވާހަކައިންވެސް އެނގެނީ މަހެއްގައި ލިބޭ މުސާރައަށްވުރެ ބޮޑު ބައި ރައްޔިތުންނަށް ހޭދަކުރަން ޖެހޭކަން،" ބިގޭ ވިދާޅުވި އެވެ.

މެންބަރުންގެ މުސާރަ ބޮޑުވުމުން ފާޑުކިޔާތީ އެކަމުގެ ރައްދުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވީ އެ ވާހަކަ ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. މުސާރަ ބޮޑުކުރަން މެންބަރުން ބޭނުންވާނަމަ އެކަން ކުރާނީ މިއަދު ނޫން ކަމަށްވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.