ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ވެބްސައިޓް ބްލޮކްކުރުން: ވާދަވެރިންނަށް ނުރައްކާތެރި އިންޒާރެއް

ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކުރުމާ ގުޅިގެން އެއީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގައި ވާދަވެރި ސިޔާސީ ބޭފުޅުން ސިފަކުރައްވައިފި އެވެ.

ސަރުކާރުން ރޭ ކުއްލި ގޮތަކަށް ބްލޮކް ކޮށްފައިވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މި ދެ ވެބްސައިޓް ބްލޮކް ކުރި ކަމަކަށް ސަރުކާރުން އަދިވެސް ނުބުނެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް / މަޖައްލާއެއް ސަރުކާރުން ބަންދުވެސް އަދި ބްލޮކް ވެސް ނުކުރާނެ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަންވެސް ޝަހީބް ވަނީ ދެއްވާފަ އެވެ.

ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ސަމާލުވާންޖެހޭ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަނިޔާވެރިވާނެ ކަމަށް ސިފަކުރައްވައި ފައްޔާޒު ވިދާޅުވީ މިވަގުތު އެކަމަށް އޮތް ހުރަކީ ސަރުކާރަށް "ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތުން" ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ކުރީގެ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ބަރަހަނާ ސައިޓުތައް ނިވާފަތްގަނޑަކަށް ހަދައިގެން އަސްލު ބޭނުމަކީ ސަރުކާރަށް ފާޑުކިޔުން ހުއްޓުވުން ކަމަށެވެ.

"އަނިޔާވެރި ވެރިކަމެއްގެ ސިފަތައް ފުރިހަމަވަނީ،" އިބްރަހީމް ވަހީދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީގެ ދަށުން ލިބިފަވާ ހައްގެއް ކަމަށްވާއިރު ބްލޮގްތަކާއި ޓްވީޓްތަކާއި ސޯޝަލްމީޑިއާގައި އެހެން ގޮތްގޮތަށް ފާޅުކުރާ ހިޔާލަކީވެސް އެމީހާގެ އަމިއްލަ ވިސްނުން ކަމަށެވެ.

"ވިސްނުމާ ހިޔާލުގައި ތަޅުއެޅުވި ބަންދުވެގެން ނުވާނެ. އެކަމަށް ސަރުކާރު ވަނުން އެއީ ބިރުވެރި ކަންބޮޑުވާންޖެހޭ ކަމެއް،" އަމްރު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ދެ ވެބްސައިޓެއް ބްލޮކްކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަނެޓް ސެންސާޝިޕްގެ އަމަލެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރެވެ. އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް މި ޕާޓީން އިލްތިމާސް ކުރަމެވެ،" ޑިމޮކްރެޓުންގެ ބަޔާނުގައިވެ އެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް އާންމުންވެސް ބުނީ ސަރުކާރުގެ މިހާ ކުރީކޮޅު ސަރުކާރަށް ފާޑުކިޔަމުން ދިޔަ ވެބްސައިޓެއް ބްލޮކް ކުރުމަކީ ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަސްއަޅާނެ ކަމުގެ އިޝާރާތެއް ކަމަށެވެ. އެހެންވެ ބައެއް އާންމުން ވަނީ ހިޔާލުފާޅުކުރުމަށް ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގަށް ހުރަސްނޭޅުމަށްވެސް ގޮވާލާފަ އެވެ.