މޫސުން

މޫސުން ގޯސް، ސަމާލުވޭ

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެ އެވެ.

ހދ. ހަނިމަދޫ އަދި ހުޅުލޭގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ހުޅުލޭގައި ގަޑިއަކު 35 މޭލަށް އަދި ހަނިމާދޫގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މި ސަރަހައްދުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ކައްދޫ، ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މި ސަރަހައްދުތަކުގައި ކަނޑުތައް އާދައިވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.