ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ކޮމިޓީގެ ކޯރަމް ހަމައެއްނުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބާއްވަން އުޅުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުން ކެންސަލްކޮށްފި އެވެ.

އެ ކޮމިޓީ ބައްދަލުވުން ބާއްވަން އޮތީ މިއަދު ހެނދުނު 9:00 ގައި ނަމަވެސް އެ ބައްދަލުވުން ކެންސަލްވެފައިވާކަން މަޖިލީހުގެ އިދާރާއިން ވަނީ އަންގާފަ އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ ކޮމިޓީ ބައްދަލުވުން ފެށުމަށް ހާޒިރުވެ ތިއްބެވީ ތިން މެންބަރުން ކަމަށާއި ކޮމިޓީ ބައްދަލުވުން ފެށުމަށް ހަތަރު މެންބަރުން ތިއްބަވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކޮމިޓީ ވޯޓެއް ނެގުމަށް ހަ މެންބަރުންގެ ކޯރަމް ބޭނުންވާކަން އެ މެންބަރު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި މިމަހުގެ 18 ވަނަ ދުވަހަށް އެޖެންޑާކުރި ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ވަނީ ފަސްކޮށްފަ އެވެ.

އެ ދުވަހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލަ ނަންގަވާ ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާ ކުރިއިރު ރައީސް މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާކަން ފާހަގަކުރައްވާފަ އެވެ.

ވަޒީރުންނަށް ރުހުން ދެވޭނީ އެ ވަޒީރުން ހަވާލުވާ ވުޒާރާގެ މެންޑޭޓް ސާފުވެގެން ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

ހިސާންގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގަނެފަ އެވެ.

ނިޒާމީ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި މައިނޯރިޓީ ލީޑަރު އަލީ އާޒިމުއާ މަޝްވަރާ ކުރެއްވުމަށް އަސްލަމް ވިދާޅުވީ ހިސާން ނެންގެވި ނިޒާމީ މައްސަލައިގައިވާ ގޮތަށް ކޮމިޓީ ރިޕޯޓް އެކުލަވާލާފައިވަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް އެ މައްސަލަ ވަނީ އަލުން ކޮމިޓީއަށް ފޮނުވާފަ އެވެ.