ހަބަރު

މެންބަރުން އަމިއްލައަށް މުސާރަ ކަނޑަނޭޅުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެ ބޭފުޅުން އަމިއްލައަށް ކަނޑަނޭޅޭނެ ގޮތެއް ހެދުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފަ އެވެ.

ޓްރާންސްޕޭރަންސީ އިން މިކަމަށް ގޮވާލާފައި މިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެން މަދު މަސްކޮޅަކަށް ވެފައި ވަނިކޮށް މަޖިލީހުގެ މެންބަރުން ހިމެނޭހެން ދައުލަތުން އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

ޓްރާންސްޕޭރަންސީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މުސާރަތައް ބޮޑުކުރަން ނިންމާފައިވަނީ އެއްވެސް އަސާސެއް ނެތި އަދި މަޝްވަރާއެއްވެސް ކުރުމެއް ނެތި ކަމަށެެވެ. މުސާރަތައް ބޮޑުކުރަން ނިންމުމުން މެމްބަރުންގެ ނަޒާހަތްތެރިކަމާއި ނިޔަތާއި މަގްސަދާ މެދުވެސް ސުވާލު އުފައްދާފައިވެ އެވެ. އެހެންވެ މެންބަރުން އަމިއްލައަށް އެ ބޭފުޅުންގެ މުސާރަ ކަނޑަނޭޅޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށްވެސް ގޮވާލާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 62،500 ރުފިޔާއާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން މިމަހުގެ 19 ވަނަ ދުވަހު ފާސްކުރީ މެންބަރަކަށް މަހަކު އެއްލައްކަ ރުފިޔާ ލިބޭ ގޮތަށެވެ. މިބަދަލާ އެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 90،000 ރުފިޔާ އަދި މަޖިލީހުގެ ނައިބް ރައީސްއަށް މުސާރައިގެ ގޮތުގައި 88،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މަޖިލީހުގެ ރައީސްއަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 73،125 ރުފިޔާ އެވެ. މަޖިލީހުގެ ނައިބް ރައީސް އަށް މިހާރު މުސާރައިގެ ގޮތުގައި ލިބެނީ 71،000 ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު މަހަކު ލިބިވަޑައިގަންނަވާ އެއްލައްކަ ރުފިޔާގެ މުސާރަ 120،000 ރުފިޔާ އަށް ބޮޑުކުރުމަށެވެ. ނައިބް ރައީސަށް މިހާރު ލިބިވަޑައިގަންނަވާ 75،000 ރުފިޔާ 93،000 ރުފިޔާއަށް ބޮޑުކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ. މީގެއިތުރުން ވަޒީރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވާ 66،000 ރުފިޔާގެ ބަދަލުގައި 72،000 ރުފިޔާ ދިނުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ނުދެވޭއިރު މެންބަރުންގެ މުސާރަ އަމިއްލައަށް ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑިމޮކްރަސީ ކުރިއެރުވުމަށާއި ދައުލަތުގެ ބާރުތަކަށް ރައްޔިތުން ކުރާ އިތުބާރު ހިފެހެއްޓުމަށްޓަކައި މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން ބަލައިނުގަތުމަށްވެސް މިބަޔާނުގައި ވަނީ މަޖިލިސް މެންބަރުންނަށް ގޮވާލާފަ އެވެ.

ބޮޑުކުރާ މުސާރަތަކަށް އެކަނިވެސް އަންނަ އަހަރުގެ ބަޖެޓުން 90 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭއިރު ދައުލަތުގެ މުސާރަތައް ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 500 މިލިއަން ރުފިޔާ އޮތީ ހިމަނާފަ އެވެ.