މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

އަންނަ އަހަރު ހައްޖަށް ދެވޭ މީހުންނަށް އެކަން އަންގަން ފަށައިފި

ހައްޖު ކޯޕަރޭޝަނަށް އިތުރު ކޯޓާތަކެއް ލިބުމާ ގުޅިގެން ހައްޖު ކިއު ސިސްޓަމް ތަރުތީބުން އަންނަ އަހަރު ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި އެވެ.

ހައްޖު ކޯޓާގެ ގޮތުގައި އަންނަ އަހަރަށް ސައުދި އަރަބިއްޔާ އިން ރާއްޖެއަށް ހަމަޖައްސައިދިނީ 1،000 ކޯޓާ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު އަވަސް ވިދާޅުވީ ހައްޖު ކޯޓާގެ ޖުމްލަ އަދަދުގެ ތެރެއިން ވަކި އިންސައްތައެއް ސަރުކާރަށް ހަމަޖެއްސުމަށްފަހު އަދި އެ ކުންފުނީގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އެހީތެރިންނަށްވެސް ކޯޓާއިން ބައެއް ހާއްސަކުރުމަށްފަހު 800 އަށް ވުރެ މަދު ނޫން އަދަދެެއް އަންނަ އަހަރު ހައްޖަށް ގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން 800 މީހުން ކަމަށް މިބަލަނީ ކޮވިޑްގެ ކުރިންވެސް ރާއްޖެއަށް ލިބުނު ކޯޓާގެ އަދަދަށްވެސް ބެލުމަށްފަހު. ކޮވިޑްގެ ކުރިން ސައުދީން ބައެއް އަހަރުތަކުގައި އެބަހުރި ރަސްމީ ކޯޓާގެ އަދަދު ހަމަޖެއްސުމަށްފަހު އިތުރު ކޯޓާވެސް ދީފައި. އެގޮތަށް އިތުރުކޮށްދީފިނަމަ މިހާރު މިއޮތް އަދަދަށް އިތުރުވުމެއްވެސް އަތުވެދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ އަހަރަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށް އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އިއްޔެ ވަނީ ކަމާ ގުޅޭ އެއްބަސްވުމުގައިވެސް ސޮއިކޮށްފަ އެވެ.

އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ މީހެއްގެ އަތުން 69،965 ރުފިޔާ ނަގާފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މީގެކުރިން އަވަސްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް އެ ކުންފުންޏަށް ދިން ނަމަވެސް ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ގާބިލްކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

ހައްޖަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ފަގީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ގޮތް ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދުމުގެ ގޮތުން އަންނަ އަހަރު 50 މީހަކު ހައްޖަށް ގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.