އިސްލާމިކް މިނިސްޓްރީ

"ހުރިހާ ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނީ މަސްލަހަތަށްޓަކައި"

ރާއްޖެއަށް މިއަހަރު ލިބޭ ހުރިހާ ހައްޖު ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ދޭން ނިންމީ ހިތި ތަޖުރިބާތަކެއް ކުރެވިފައިވާތީ ދިވެހި ރައްޔިތުންގެ މަސްލަހަތު ގާއިމުކުރުމަށް ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވަނީ މިއަހަރު ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއެއްބަސްވުމަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރަން ނިންމީ އަމިއްލަ ކުންފުނިތަކަށް ހައްޖު ކޯޓާ ނުދީ ކުންފުނިތަކަށް ހުރަސް އެޅުމުގެ ބޭނުމެއްގައި ނޫން ކަމަށެވެ.

"މިފިޔަވަޅަކީ މިއީ ރައްޔިތުންގެ މަސްލަހަތު ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ނެގި ފިޔަވަޅެއް މިއީ. އުމުރާއަށް މީހުން ގެންދިއުމާއި އަދި ކޯޓާ ރާއްޖެއަށް އިތުރުވެއްޖެ ކަމުގައިވަނީނަމަ އެހެން ފުރުސަތުތައް ކުންފުނިތަކަށް ހުޅުވާލުމުގެ ވިސްނުމެއް އަޅުގަނޑުމެން އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖެއަށް މިއަހަރު ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރަން ނިންމީ ވަރަށް ގިނަ ދުވަސްތަކެއްގެ ވިސްނުމާއި މަޝްވަރާތަކަށްފަހު ކަމަށެވެ. މިގޮތަށް ނިންމަންޖެހުނީ ހައްޖަށް މީހުން ގެންދިއުމުގައި އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ބައެއް މީހުންނަށް ހައްޖަށް ނުދެވި ހިތި ތަޖުރިބާތަކެއް ކުރަންޖެހުމުން ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ކުންފުނިތަކުން ހައްޖު ކޯޓާ ހޯދުމަށް ބީލަން ހުށަހަޅައި ބީލަން ކާމިޔާބު ކުރުމަށްފަހު ބޮޑު އަގުގައި ކޯޓާ ވިއްކާފައި ހުރި މައްސަލަތައްވެސް މިނިސްޓްރީއަށް ހުށަހެޅިފައި ވުމަކީ ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދިނުމަށް މެދުވެރި ސަބަބެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކޯޓާތަކުގައި ހައްޖަށް މީހުން ގެންދިއުމުގައި އިސްކަންދޭނީ ފަރުޟު ހައްޖު ނުވެ ތިބި މީހުން ހައްޖަށް ގެންދިއުމަށް ކަމަށެވެ. ކުރިން ހައްޖުވެފައި ތިބި މީހުންނަށްވެސް ސައުދި އަރަބިއްޔާ އިން ހަމަޖައްސާފައިވާ އުސޫލުތަކުގެ ތެރެއިން ހައްޖަށް ދިއުމަށް ފުރުސަތު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ތަރައްގީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަރަށް ރަނގަޅު ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ. އެމަސައްކަތްތައް ރަނގަޅަށް ކުރެވިއްޖެނަމަ ހައްޖާއި އުމްރާއަށް ގެންދިއުމުގެ އަގު ކުޑަކުރެވޭނެ ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވުޒާރާއިން ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނާ މި ހަވާލުކުރަނީ ވަރަށް ފޮނި އުއްމީދުގައި. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ރަނގަޅުކޮށް ޒިންމާދާރުކަމާއެކުގައި މިކަން ކުރިއަށް ގެންދާނެ ކަމަށް،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީގެ ގުޅުން ކޮންމެވެސް ވަރަކަށް ދުރުވެފައި އޮތް ކަމަށް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން މަސައްކަތް ކުރާނީ "އެއްހަށިގަނޑެއްގެ" ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.