މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް މާކެޓް ކުރަން އެޖެންޓުން ހޯދަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހިދުމަތްތައް މާކެޓް ކުރުމަށް އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެޖެންޓުން ހޯދަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެޖެންޓުން ހޯދަނީ ރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށެއްވެސް ހިމެނޭ ގޮތަށް ދެ އަހަރުގެ މުއްދަތަކަށެވެ.

އެޖެންޓުންނަށް ވުމުގެ ފުރުސަތު ވަކި ޝަރުތުތަކަކާ އެކު އަމިއްލަ ފަރުދުންނަށާއި ޖަމިއްޔާތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ.

އެޖެންޓު މެދުވެރިވެގެން އުމްރާއަށް ރަޖިސްޓްރީކޮށް އުމްރާ ފުރިހަމަ ކުރާ ކޮންމެ އުމްރާވެރިއެއްގެ ނިސްބަތުން 500 ރުފިޔާގެ ކޮމިޝަނެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.