ފެނަކަ ކޯޕްރޭޝަން

މޮބައިލް ހަތް އިންޖީނުގެ ހޯދަން އަންނަ މަހު އިއުލާނު ކުރަނީ

Feb 25, 2016
  • އިންޖީނުގެތައް ހޯދަނީ ކުއްލި ހާލަތުގައި ބޭނުން ކުރަން
  • މޮބައިލް ހަތް އިންޖީނުގެ ހޯދާނެ
  • މީގެ ތެރޭ ހިމެނެނީ 500-1،000 ވޮޓްގެ އިންޖީނުގެތައް

ރަށްރަށުގެ އިންޖީނުގެތަކަށް މައްސަލައެއް ދިމާވެ، ކަރަންޓް ކެނޑޭ ހާލަތްތަކުގައި ބޭނުން ކުރަން ހާއްސަ މޮބައިލް ހަތް އިންޖީނުގެ ހޯދަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ މޮބައިލް ޖަނަރޭޓަރުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރަށްރަށަށް ކަރަންޓު ޔަގީންކޮށް ދިން ނަމަވެސް ބައެއް ހާލަތްތަކުގައި ކަރަންޓު ކެނޑޭ ހާލަތްތައް އާދެ. އެހެންވެ މި ފަދަ ހާލަތްތަކުގައި ބޭނުން ކުރަން ހާއްސަ ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތް މި ކުރަނީ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަސް ނިމޭ ހިސާބު މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ހައެއް ނޫނީ ހަތް ޖަނަރޭޓަރު ހޯދުމަށް. އެހެންވެ ރައްޔިތުންނަށް އޮތް ޔަގީން ކަމަކީ ކަރަންޓު ދާ ދަނޑިވަޅުތަކުގައި ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ރަށްރަށް ކަރަންޓު ލިބިގެންދާނެކަން،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ ފަހުކޮޅު މި ޖަނަރޭޓަރުތައް ހޯދަން އިއުލާނު ކުރާއިރު، މީގެ ތެރޭގައި ހިމެނެނީ 500 ކިލޯ ވޮޓް އާއި 1،000 ކިލޯ ވޮޓްގެ އިންޖީނު ތަކެއް ކަމަށެވެ.