ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރިން ދެ ހަފްތާއަށް ހަނގުރާމަ މެދު ކަނޑައިލަން އެއްބަސް ވެއްޖެ އެވެ.
ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނެފައިވަނީ ދެ ހަފްތާއަށް ހުއްޓާލަން އެއްބަސްވީ ރައީސް ބައްޝާރުގެ ކޯލިޝަނުން މި އެއްބަސްވުމަށް އިހްތިރާމް ކުރޭތޯ ބަލައިލަން ކަމަށެވެ. އެމެރިކާ އަދި ރަޝިޔަ މަޝްވަރާ ކޮށްގެން އެކުލަވާލި އެއްބަސް ވުމަށް އިހްތިރާމްކޮށް އެއަށް އަމަލު ކުރަން ޖެހެނީ އެމެރިކާ އާއި ރަޝިޔާ އާއި ސީރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނެވެ.
މި އެއްބަސްވުމުގައި ސޮއި ކުރަން ކަނޑައަޅާފައިވަނީ މާދަމާ އެވެ. ނަމަވެސް މި އެއްބަސްވުމާއި އައިއެސްއަކާ ގުޅުމެއް ނެތެވެ.
އިދިކޮޅު ހަނގުރާމަވެރިން މިކަމަށް އެއްބަސްވެފައި ވަނީ ސީރިޔާގެ ރައީސް ހަނގުރާމައަށް މެދުކެނޑުމެއް ގެންނަން އެއްބަސްވެ، އޭގެ ޔަގީން ކަން ރަޝިޔާއަށް ދެއްވުމުންނެވެ. މީގެ އިތުރުން ބައްޝާރު ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.
ސީރިޔާގެ ރައީސް ވިދާޅުވެފައިވަނީ ހަނގުރާމަ އަށް މެދު ކެނޑުމެއް ގެނައުން އެއީ އެގައުމުގައި ހިނގާ ސިޔާސީ ހަނގުރާމައަށް ކޮންމެސް ވަރެއްގެ ހައްލެއް ގެނެވޭނެ ކަމެއް ކަމަށާއި ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންނަށް ދެމުންދާ ހަމަލާތައް ހުއްޓާލިޔަސް، އައިއެސް އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހުއްޓުމެއް ގެނެސްގެން ނުވާނެ ކަމަށެވެ.
ސައުދީ އަރަބިއާއިން ވަނީ ހަނގުރާމަ މެދު ކަނޑާލުމަށް ވެފައިވާ އެއްބަސްވުމަށް މަރުހަބާ ކިޔާފައެވެ.