ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ނުހިމަނައި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާގެ އެޖެންޑާ އާންމުކޮށްފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ ރައީސް މުއިއްޒު ނޮވެމްބަރު 17 ގައި އުފައްދަވާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތްތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުއްވަވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށްދާއިރު ދެން އެންމެ އަވަހަށްވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރެވޭނީ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނޮވެމްބަރު 28 ވަނަ ދުވަހަށް ވަނީ ނިމިފަ އެވެ. އެކަމަކު މަޖިލީހުގެ މުހިއްމު ބައެއް މަސައްކަތްތައް ހުރުމުން މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ވަނީ ތިން ފަހަރަށް އިތުރުކޮށްފަ އެވެ. ދައުރު އިތުރުކުރި މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި މިމަހުގެ 18 ވަނަ ދުވަހަށް އެޖެންޑާކުރި ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާތީ އެވެ.
ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައިނުވާތީ އެ ދުވަހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެކަން ފާހަގަކުރައްވާފަ އެވެ.
ހިސާންގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގަނެފަ އެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވާލި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މި މަހުގެ 23 ވަނަ ދުވަހު ބާއްވަން އުޅުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކެންސަލް ކުރީ ކޮމިޓީގެ ކޯރަމް ހަމަނުވުމުންނެވެ.