ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ޕީޕީއެމްގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅާ ކަމަށް ބުނެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ސަލީމް ވަނީ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ މިއަދު ބާއްވާއިރު ވަޒީރުންނަށް ރުހުން ނުދީ ތިބެ އެމްޑީޕީން ސަރުކާރު ވައްޓާލަން ކުރާ މަސައްކަތައް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި ރައްޔިތުން ހޮވި ސަރުކާރު ހިންގުމަށްޓަކައި ވަޒީރުންނަށް ރުހުން ދިނުން މާމުހިއްމު ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށްޓަކައި މަޖިލީހުން ކުރަން ލާޒިމް ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންނަމަވެސް މަޖިލިސް ޗުއްޓީއާ ހަމައަށް ދިޔައިރު ވަޒީރުންނަށް ރުހުން ނުދިނުން އެއީ މަޖިލިސްގެ ރައީސް އަސްލަމް ވެސް ރާވައިގެން ސަރުކާރު ވައްޓާލަން ކުރާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓަނީ މަޖިލީހުގައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތުމުން އަވަހަށް ސަރުކާރު ވައްޓާލެވިދާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެހެންކަމުން މިއީ އެމްޑީޕީގެ ހުދު މުހުތާރު އަމަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"ރުހުންވެސް ހޯދާނަން، ސަރުކާރު ވައްޓައެއްވެސް ނުލެވޭނެ. އެކަމަށް ފުރުސަތެއްވެސް ނުދޭނަން. އަޅުގަނޑުމެން ސަލާމަތުން ތިއްބާ މި ސަރުކާރު ވައްޓައެއް ނުލެވޭނެ. ފަސް އަހަރު ވަންދެން މި ސަރުކާރު އޮންނާނެ،" ސަލީމް ވިދާޅުވި އެވެ.
ސަރުކާރެއް ހިންގުމަށްޓަކައި އެ ސަރުކާރަކަށް ފުރިހަމަ ބާރުވެރިކަން އޮންނަން ޖެހޭނެ ކަމުގައިވެސް ސަލީމް ވިދާޅުވި އެވެ. އޭގެފަހުގައި ސަލީމު ވިދާޅުވީ މިވަގުތު މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ ހޯދާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަސްލަމްވެސް ރިޔާސަތުން ފައިބާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމުގައިވެސް ސަލީމް ވިދާޅުވި އެވެ.