ސަރުކާރުން ބްލޮކް ކުރި ދެ ވެބްސައިޓް ކަމަށްވާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް މިއަދު އަންބްލޮކްކޮށް އެ ވެބްސައިޓްތަކަށް ވަދެވޭ ގޮތް ހަދައިފި އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ މި ދެ ސައިޓް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބްލޮކް ކޮށްލީ އެއްވެސް ސަބަބެއް ހާމަކުރުމަކާ ނުލަ އެވެ.
މި ދެ ސައިޓަށް މިއަދު އަލުން ވަދެވޭ ގޮތް ހަދާފައިވާއިރު މި ދެ ސައިޓަށް ވަދެވޭ ގޮތް ހެދި ސަބަބާ ގުޅޭގޮތުންވެސް ސަރުކާރުން ވާހަކައެއް ނުދެއްކި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ މިއީ ދައުލަތެއް ކަމަށާއި ދައުލަތެއް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށެވެ.
ވެބްސައިޓްތައް ބްލޮކް ކުރި މައްސަލައިގައި ތަކުރާރުކޮށް ސުވާލުކުރުމުންވެސް ސީދާ އެ މައުލޫއުގައި ޝަހީބް ވާހަކައެއް ނުދެއްކެވި އެވެ. އޭނާ ވިދާޅުވީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫސް ވެބްސައިޓެއް ބްލޮކްކޮށްފައި ނުވާ ކަމަށެވެ.
"ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ކޮށްފައި ހުރި ކަމެއް. އާކަމެއް ކޮށްގެން ނޫން މިއުޅެނީ،" ޝަހީބް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ކޭމް ހިންގަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ ދަށުންނެވެ. މިތަނުގެ ވަޒީރަކީ އާދަމް ޝަރީފް އުމަރު އެވެ.