އެމްޑީޕީ

އެމްޑީޕީގެ މެންބަރުންނަށް ޝާހިދު: މިއީ ސާބިތުވާންވީ ވަގުތު

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު އެ ޕާޓީން ވަކިވެވަަޑައިގެން ސަރުކާރު ހިންގާ ޕީއެންސީއާ މިރޭ ގުޅިވަޑައިގަތުމާ އެކު މިއީ އިދިކޮޅު އެމްޑީޕީއަށް ކުރިމަތިވި ބޮޑު "ތޫފާނަކަށް" ވާނެ އެވެ. އަދި މިއީ އެ ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި ޕާޓީގެ ލީޑަޝިޕާއި މުސްތަގުބަލާ މެދު ސުވާލު އުފައްދާނެ ކަމެކެވެ. އެއަށްވުރެ ބޮޑަށް މިރެއަކީ އެމްޑީޕީގެ މެންބަރުންނަށް މާޔޫސްކަމާއި ބޮޑު ހިތްދަތިކަމެއް ކުރިމަތިކުރުވާނެ ރެއެކެވެ.

އެމްޑީޕީގެ މެންބަރުންނަށް ކުރިމަތިވި މި މާޔޫސްކަން ފިލުވާލައި ހިތްވަރު ދިނުމަށް އެންމެ އަވަހަށް އިސް ނެންގެވި އެއް ބޭފުޅަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހާރިޖީ ވަޒީރުކަން ކުރެއްވި އަބްދުﷲ ޝާހިދު އެވެ.

އެމްޑީޕީގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އެއް ބޭފުޅަކީ ޝާހިދު އެވެ. އެމަނިކުފާނަކީ ވަޒީރުކަމުގެ އިތުރުން ދައުލަތުން އިސް އެތައް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންވެސް ހިމެނެ އެވެ.

ޝާހިދުގެ ތަޖުރިބާގެ އަލީ އެމްޑީޕީގެ މެންބަރުންނަށް ހިތްވަރު ދެއްވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން ޕާޓީގެ މެންބަރުން މިއަދުވެސް ހަނދާންކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމައާއި ކާމިޔާބީއާއި ނާކާމިޔާބީވެސް ތަޖުރިބާކޮށްފައި،" އެމްޑީޕީގެ މެންބަރުންތަކެއް ޕާޓީން ވަކިވެގެން ދިޔަ ދިއުމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ޕޯސްޓް ކުރެއްވި ޅެން ބައިތު
ހޫނުން ކެކި ހީނަރުވެދިޔަސް ބަލިވެ ބައެއްގަސް
ހޫނުން ހަމަ ތިޔަދޭށެ ދިރުން އާވެ ހަޔާތުން

އުންމީދުގެ އަލިކަން މިގެނައި ކޮންމެ ޝުއާއެއް
އުއްމީދު އުފައްދައިފިޔެ އުންމީދުގެ ސިއްރުން

ޝާހިދު ވިދާޅުވީ މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެމްޑީޕީގެ މެންބަރުން ސާބިތުވެ ތިބެންވީ ވަގުތު ކަމަށެވެ. އާ އުއްމީދުތަކާއި އައު ލަނޑުދަނޑިިތަކަކާ އެކު ނިކުންނަންވީވެސް މި ދަނޑިވަޅުގައި ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ އަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިއަށް މިސްރާބު ޖަހައިގެން،" އެމްޑީޕީގެ ދިދައާއި މާނަ ފުން ޅެން ބައިތަކާ އެކު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި 67 މެންބަރުން އިންތިހާބުވި އެެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންތަކެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމާ އެކު އެ ޕާޓީއަށާއި އަދި މިރޭ ޕީއެންސީއަށް އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ސޮއިކުރެއްވުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިބީ އެމްޑީޕީގެ 43 މެންބަރުންނެވެ.