ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރާ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.
ކޮމިޓީ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރު އެވެ.
ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވާއިރު އެމްޑީޕީގެ 13 މެންބަރުން ރޭގެ ވަގުތެއްގައި ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ. މިބަދަލާ އެކު މަޖިލީހުގައި ހިމެނޭ ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 17 މެންބަރުންނަށް އިތުރުވެފަ އެވެ. އަދި ޕީއެންސީ ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީ ބައްދަލުވުމެއް މާދަމާއަށް ތާވަލްކޮށްފައި މިވަނީ ކޮމިޓީގެ މަސައްކަތް ނިންމާ ރިޕޯޓް ލިބުމުން ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައިގެން ވަޒީރުންނަށް ރުހުން ދިނުމަށް މެންބަރުން ހުށަހަޅުއްވައިފިނަމަ ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އިއްޔެގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ތިންވަނަ ފަހަރަށް ދިގުދަންލަމައިގެން ބޭއްވި ފަހު ޖަލްސާ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި މިމަހުގެ 18 ވަނަ ދުވަހަށް އެޖެންޑާކުރި ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ.
ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައިނުވާތީ އެ ދުވަހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެކަން ފާހަގަކުރައްވާފަ އެވެ. ހިސާންގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގަނެފަ އެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް އެ ދުވަހު އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވާލި އެވެ.
މިސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ވުޒާރާތަކުގެ މަސްއޫލިއްޔަތު ފާސްކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.