ކެބިނެޓް

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ދެވަނަ ފަހަރަށް ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދެވަނަ ފަހަރަށް ފާސްކޮށްފި އެވެ.

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ ދައުރުން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެވެ.

ކޮމިޓީގައި ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެވެ. އެކަމަކު އެ ހުށަހެޅުމަށް މެންބަރަކު ތާއީދުކުރައްވާފައެއް ނުވެ އެވެ.

އޭގެފަހުން އެމްއެންޕީގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް އެއް ފަހަރާ ރުހުން ދިނުމަށް ހުށަހަޅުއްވާފަ އެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.

ރިޔާޒުގެ ހުށަހެޅުއްވުމަށް ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވޯޓަށް އެއްސެވުމުން މި ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދޭން ކޮމިޓީން މީގެ ކުރިންވެސް ފާސްކުރި އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް މިމަހުގެ 18 ވަނަ ދުވަހަށް އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް އެ ދުވަހު ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ.

ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާތީ އެ ދުވަހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެކަން ފާހަގަކުރައްވާފަ އެވެ. ހިސާންގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގެންފަ އެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް އެ ދުވަހު އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވާލި އެވެ.

މިސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައިވާއިރު އެކަން ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވި މި ދައުރުގެ ފަހު ޖަލްސާގަ އެވެ.

ހުރިހާ ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފައި މިވަނީ އެމްޑީޕީގެ 13 މެންބަރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވާފައި ވަނިކޮށެވެ. މިބަދަލާ އެކު މަޖިލީހުގައި ހިމެނޭ ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 17 މެންބަރުންނަށް އިތުރުވެފަ އެވެ. އަދި ޕީއެންސީ ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީ ބައްދަލުވުމެއް މިއަދު ބާއްވާފައި މިވަނީ ކޮމިޓީގެ މަސައްކަތް ނިންމާ ރިޕޯޓް ލިބުމުން ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައިގެން ވަޒީރުންނަށް ރުހުން ދިނުމަށް މެންބަރުން ހުށަހަޅުއްވައިފިނަމަ ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. ބުރާސްފަތި ދުވަހުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ތިންވަނަ ފަހަރަށް ދިގުދަންލަމައިގެން ބޭއްވި ފަހު ޖަލްސާ އެވެ.