މޫސުން

ވިއްސާރައިގައި ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށް ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރާގައި ގެއްލުން ވެގެން ރިޕޯޓްކޮށްފައިވަނީ ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަން އަދި ފޮނަދޫ އާއި ސ. މަރަދޫއިން ކަމަށެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކ. ގުރައިދޫ އަށެވެ. އެރަށުގެ 20 ގެއެއްގައި ފެންބޮޑުވެފައިވާއިރު ތިން ގެއެއްގެ މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.

މީގެއިތުރުން އެންޑީއެމްއޭ އިން ބުނީ ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުންދާ ކަމަަށެވެ.

މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު މާލޭގައިވެސް ކުރަމުންދާ ކަމަށް އެންޑީއެމް އިން ބުންޏެވެ.

މި ވިއްސާރާގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.