ޑރ. މުހައްމަދު މުއިއްޒު

މަގުތައް ހަދާއިރު މާލޭގެ ފެންބޮޑުވުމަށް ދާއިމީ ހައްލެއް ލިބޭނެ: ރައީސް

މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާއިރު މަގުތަކުގެ އަޑީގައި ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމުކުރާނެ ކަމަށާއި އޭރުން މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ބައެއް ގެތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނާ ގުޅިގެން ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި މިހާރު ހުރި ސްޓޯމް ވޯޓަ ނިޒާމު އެއްކޮށްހެން އަޕްގްރޭޑް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އަޕްގްރޭޑް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކުވެސް މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ނުވާނެ ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނީ މާލޭގެ މަގުތައް ހަދާއިރު މުޅިން އާ ވަރުގަދަ ސްޓޯމް ވޯޓަ ނިޒާމެއް މަގުތަކުގައި ގާއިމުކުރެވިގެން ކަމަށެވެ.

"ހުރިހާ މަގެއް ހަދާއިރު އަޑީގަ ވަރަށް ވަރުގަދަ ސްޓޯމް ވޯޓަ ނިޒާމެއް ގާއިމުކުރަން ވަރަށް ފަލަ ހޮޅިތަކެއް ލާފައި ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފައި [މަގު ހެދުން]. އޭރުން އިރާދަކުރެއްވިއްޔާ މިފަދަ ސިޗުއޭޝަނެއްގައިވެސް ގެތައް ސަލާމަތްވެ މީހުންގެ މުދަލާއި ފުރާނައާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ވިޔަފާރިތައް އިރާދަކުރެއްވިއްޔާ ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކާރިސާގެ ވަގުތުތަކުގައި އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ. އެގޮތުން ސިޔާސަތުތަކަށް ބަދަލު ގެނެސް މުޅި ޑިޒާސްޓާ މެނޭޖްމަންޓް ނިޒާމު ވަރުގަދަކުރާނެ ކަމަށާއި، އެފަދަ އިސްލާހީ ފިޔަަޅުތަކެއް މާލަސްނުކޮށް އެޅިގެންދާ ތަން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ބައެއް ގޭގޭގެ ނަޖިސް ބިމު އަޑިން އަރާފަވެސް އެބަހުރި ޖަންކްޝަންތަކުން. އެކަހަލަ ހުރިހާ ގެއަކަށްވެސް އެހީވާނަން އިރާދަކުރެއްވިއްޔާ. އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ގެނެސްދިނުން އަދި ދާއިމީ ހައްލެއްވެސް ގެނައުން،" ގޭގެއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 11 ގެއަކުން 54 މީހުން އެހެން ތަންތަނަށް ބަދަލުކުރަންޖެހުނެވެ. މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ގެއްލުންވި ގެތަކުގެ މައުލޫމާތު ހޯދައި އެ މީހުންނަށް އެހީވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ.