އެމްޑީޕީ

އެމްޑީޕީގެ ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ލިސްޓަށް ބަދަލު ގެނެސްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ލިސްޓް ކަމަށް ބުނެ އާންމުކުރި ލިސްޓަށް ބަދަލެއް އައިސްފި އެވެ.

އެމްޑީޕީން މި ލިސްޓް އިއްޔެ އާންމުކުރިއިރު އޭރު 36 ބޭފުޅުން ހިމެނެ އެވެ. ނަމަވެސް ލިސްޓް އިސްލާހުކޮށް މިއަދު އާންމުކުރިއިރު މިލިސްޓްގައި މިހާރު ހިމެނެނީ 35 ބޭފުޅުންނެވެ.

ލިސްޓް އިސްލާހުކުރިއިރު އިއްޔެގެ ލިސްޓްގައި ހިމެނުނު ދެ ބޭފުޅެއްގެ ނަން ލިސްޓުން އުނިކޮށް ކުރިން ލިސްޓުގައި ނެތް ބޭފުޅެއްގެ ނަން މިހާރު ވަނީ ހިމަނާފަ އެވެ. އިސްލާހު ކުރި ލިސްޓްގައި އަލަށް ހިމަނާފައިވަނީ ޕްރައިމަރީއަކާ ނުލައި ފޭދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުވި އަބްދުﷲ ހަނީފްގެ ނަމެވެ. އިއްޔެ ފުރަތަމަ އާންމު ކުރި ލިސްޓުން އުނިކުރި ދެ ބޭފުޅުންނަކީ ގައްދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގެންނެވި އަހްމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)ގެ ނަމާއި ގެމަނަފުށި ދާއިރާގެ ޓިކެޓް ލިބިވަޑައިގެންނެވި އެ ދާއިރާގެ މިހާރުގެވެސް މަޖިލިސް މެންބަރު އަހްމަދު ސައީދުގެ ނަމެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ ދެ ސައީދުގެ ނަން ލިސްޓުން މިވަގުތަށް އުނިކޮށްލީ ލިބިފައިވާ ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ކަމަށެވެ. މައްސަލަ ބެލުމަށްފަހު އެ ދެ ބޭފުޅުންގެ ނަން ލިސްޓުގައި ހިމަނަން ފެންނަ ކަމަށްވާނަމަ ހިމަނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ލިސްޓް އިއްޔެ އާންމުކުރުމާއެކު ގައްދޫ ދާއިރާ އާއި ގެމަނަފުށި ދާއިރާ އިން ލިބުނު ޝަކުވާއެއް. އެއީ އެ ދެ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލީ ދެ ބޭފުޅެއްގެ ފަރާތުން ލިބުނު ޝަކުވާއެއް. އެކަމަކު މިހާތަނަށް ބެލިއިރު އެއީ އެމްޑީޕީގައި ނަން އޮތް ދެ ބޭފުޅުންނެއް ނޫން. އެހެންވެ އެ ދެ ބޭފުޅުންނަށް އޮންނާނީ ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް 48 ގަޑިއިރުގެ ވަގުތެއް ދީފައި. އެހެންވީމާ މައްސަލަ ނިމުމާއެކު އަނެއްކާވެސް ލިސްޓް އަޕްޑޭޓްވުމުގެ ފުރުސަތު ނުވަތަ އިއްޔެ ލިސްޓް ނެރުނުއިރު އޮތް ދެ ބޭފުޅުން އޮތުމުގެ ފުރުސަތުވެސް އޮންނާނެ،" އިބްރޭ ވިދާޅުވި އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވި ބޭފުޅުން

  • އަހްމަދު ސަލީމް - ހޯރަފުށި ދާއިރާ
  • މުހައްމަދު އާރިފް - އިހަވަންދޫ ދާއިރާ
  • ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ
  • މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
  • އަލީ ރިޒާ - މިލަންދާ ދާއިރާ
  • މުހައްމަދު ޝާހިދު - ފުނަދޫ ދާއިރާ
  • އަހްމަދު ފާތިހު - ހޮޅުދޫ ދާއިރާ
  • އިސްމާއިލް އަހްމަދު - ދުވާފަރު ދާއިރާ
  • މުހައްމަދު ޝަފީގު - ތުޅާދޫ ދާއިރާ
  • ޖީހާން މަހުމޫދު - ހިންނަވަރު ދާއިރާ
  • މުހައްމަދު ލުތުފީ - މާފުށި ދާއިރާ
  • އިބްރާހިމް އަމީރު - ތުލުސްދޫ ދާއިރާ
  • އަލީ އަމީޒް - މާމިގިލި ދާއިރާ
  • އިކްރާމް ހަސަން - ދިއްގަރު ދާއިރާ
  • އިޔާސް އިސްމާއިލް ލަތީފް - މީދޫ ދާއިރާ
  • ހަސަން ޝިނާން - ގުރައިދޫ ދާއިރާ
  • ހުސައިން އަބޫބަކުރު - ފޮނަދޫ ދާއިރާ
  • ޔައުގޫބު އަބްދުﷲ - ދާންދޫ ދާއިރާ
  • ސައްޔާހު ހަލީހް - ކޮލަމާފުށި ދާއިރާ
  • އަހްމަދު ގައިސް - ތިނަދޫ އުތުރު ދާއިރާ
  • އަހްމަދު ޒައީމް - ފަރެސްމާތޮޑާ ދާއިރާ
  • ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު މެދު ދާއިރާ
  • އަބްދުﷲ ހަނީފް - ފޭދޫ ދެކުނު ދާއިރާ
  • މުހައްމަދު އަސްލަމް - ހިތަދޫ އުތުރު ދާއިރާ
  • އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
  • އިބްރާހިމް އަލީ ޖަލީލް - މެދު ހެންވޭރު ދާއިރާ
  • ހުސައިން ޝަމީމް - ހެންވޭރު ދެކުނު ދާއިރާ
  • މުހައްމަދު އިބްރާހިމް - ގަލޮޅު އުތުރު ދާއިރާ
  • މީކާއިލް އަހްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
  • ލިރުގާމް ވަހީދު - މައްޗަންގޯޅި އުތުރު ދާއިރާ
  • އަބްދުﷲ ސިނާން - މައްޗަންގޯޅި ދެކުނު ދާއިރާ
  • މުހައްމަދު ފަލާހު - މާފަންނު ހުޅަނގު ދާއިރާ
  • އަހްމަދު އާމިރު - މާފަންނު މެދު ދާއިރާ
  • ހަސަން އިއާދު ސަލީމް - މާފަންނު ދެކުނު ދާއިރާ
  • އަކްރަމް ކަމާލުއްދީން - މައްޗަންގޯޅި މެދު ދާއިރާ

މި ބޭފުޅުންނަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ މަޖިލިސް ޕްރައިމަރީއަށް އެ ޕާޓީން ހުޅުވާލި ފުރުސަތުގައި މި ބޭފުޅުން ކުރިމަތިލެއްވި ދާއިރާތަކަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެވެ.

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ހިމެނޭ އެމްޑީޕީގެ 16 މެންބަރަކު ހިމެނެ އެވެ.

އެމްޑީޕީން ބުނީ އެއް ކެންޑިޑޭޓަަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި އަމަލުކުރާނެ ގޮތެއް ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެކުލަވާލާފައިވާ ވިލަރެސް ކޮމިޓީން ނިންމުމުން އެގޮތެއް އިއުލާން ކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ. އިންތިހާބު ބާއްވާ ތާރީހް އަންނަ އާދިއްތަ ދުވަހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.