އުރީދޫ

އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރަކަށް ވާން ހުޅުވާލައިފި

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ވަނީ އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ވެސް އާއްމުކޮށްފަ އެވެ.

ޝަރުތުތައް

  • އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވުން.
  • ކުންފުނީގެ ޤާނޫނު އަދި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ކޯޕަރަޓް ގަވަނަންސް ކޯޑްގައި ބަޔާންކުރާ ފެންވަރުތަކާއި ޝަރުތުތައް ހަމަވުން.
  • ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވުން.
  • ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޔުނިވަރސިޓީއަކުން ޑިގްރީ ހާސިލުކޮށްފައިވުން.
  • ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މަދުވެގެން އެއް އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، ދެ ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ މީހަކަށް ނުވުން.
  • އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓައެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. މިފަދަ މަގާމެއް އަދާކުރިނަމަ އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 މަސް ދުވަސްވުން.
  • އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ މީހަކަށް ނުވުން.
  • އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ މީހަކަށް ނުވުން.
  • އާއިލާގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.
  • އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން.
  • އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން.

އުރީދޫން ބުނީ ބޯޑުގައި ޖެންޑަ ޑައިވަސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެނުން ކުރިމަތިލުމަކީ ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ ނަންތައް އެ ކޮމިޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ.

އުރީދޫން ބުނި ގޮތުގައި މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގާ ފެބްރުއަރީ މަހު އިއުލާނުކުރާނެ އެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. މިއަހަރުގެ މާޗްމަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ 2026 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާށް އަށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.