ވިޔަފާރި

މަޝްހޫރު އޯޝެނިއާ މާލެ ބަނދަރުގައި

Jan 27, 2015

މިއީ މިފަދަ ބޮޑު ކްރޫޒް ޝިޕެއް ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު މިހާރު މާލޭގެ ބަނދަރުގައި އޮތް އުޅަނދު ހާއްސަ އެވެ. މިއީ ފެސެންޖަ ލައިންތަކުން ދަތުރުކުރާ މީހުންގެ މެދުގައި މަޝްހޫރު އުޅަނދެކެވެ. މިހާރު މަޝްހޫރު "އޯޝެނިއާ" އޮތީ މާލެ ބަނދަރުގަ އެވެ.

އެމެރިކާގެ "އޯޝެނިއާ ކްރޫޒް" ކުންފުނިން މީގެ ފަސް ކްރޫޒްލައިނާ އޮޕަރޭޓް ކުރެ އެވެ. މި ވަގުތު މާލޭގައި އޮތީ މި ކުންފުނީގައި ހިމެނޭ އެންމެ މަޝްހޫރު އެއް އުޅަނދެކެވެ. އެއީ އޯޝެނިއާ އެޓްލާންޓިކާ އެވެ. މި އުޅަނދުން މާލެއަށް ހާހަކަށް ވުރެ ގިނަ ގެސްޓުންވަނީ ފައިބާފަ އެވެ. އަދި މި ޓޫރިސްޓުންގެ ސަބަބުން ގެސްޓް ފިހާރަތަކަށް ލިބޭ އާމްދަނީ ވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ޓުއާ ގައިޑުން ބުނާ ގޮތުގައި ގިނަ ކްރޫޒްލައިނާ ތަކެއް އައުމުގެ ސަބަބުން ލިބޭ އާމްދަނީ އިތުރުވެގެން ދާ ކަމަށެވެ.

"މާލެތެރެ ސުލްހަވެރިކޮށް އޮންނަ ކަމަށްވާނަމަ މާލެއަށް ޓޫރިސްޓުން ފައިބާނެ. މާލެ ބަލާލަން ފައިބާ މީހުންގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބޭ. ބައެއް ގެސްޓުން 10 ޑޮލަރު ބައެއް ގެސްޓުން 20 ޑޮލަރު ވަރު ވެސް ދޭ،" ޓުއާ ގައިޑެއް ބުންޏެވެ.

ރާއްޖެއަށް ބިޔަ ކްރޫޒް ލައިނާތައް ގެންނަ މާޔާ އިން މި އަހަރު މިފަދަ ބިޔަ ތިން އުޅަނދެއް މާލެ ބަނދަރަށް ގެނެސްފައިވެ އެވެ.

މާޔާގެ އޮފިޝަލަކު ވިދާޅުވި މި އަހަރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ ކްރޫޒްލައިނާ ތަކެއް މާލެ ބަނދަރަށް އަންނާނެ ކަމަށެވެ.

"މިހާރު ކޮންފާމް ވެފައިވަނީ އޮތީ މި ހާތަނަށް ރާއްޖެއަށް ނާންވަރުގެ ބޮޑު ކްރޫޒްލައިނާ އެއް އަންނަން. އެކަމަކު ފަހުން އެ ތާރީހު އާއްމު ކުރާނަން،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.