މިއީ މޯލްޑިވިއަން އައިޑޮލް ކުރިއަށްދާއިރު އެ ލަވަކިޔުންތެރިޔަކަށް މެދުކެނޑުމެއް ނެތް ތައުރީފާއި ސަނާ އޮހެމުންދާ ހަމައެކަނި ލަވަކިޔުންތެރިޔާއޭ ބުނެވިދާނެ އެވެ. ޖަޖުންގެ ފެވަރިޓެކެވެ. ބެލުންތެރިންގެ ފެވަރިޓެކެވެ. އަދި މިއުޒިކާއި ލަވަ އަށް ލޯބިކުރާ އެންމެންގެ މެދުގައި ވެސް ނިކަން ބޮޑު ހިޓެކެވެ.
އެކަމަކު މިވަރުގެ ހިޓަކަށް ވާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެ އެވެ. އަދި މި ދަތުރެއްގައި މިހައި ހިސާބަކަށް އާދެވިދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. ނަމަވެސް ޝަލަބީ އިބްރާހިމް ވެސް ބުނަނީ މިހާރު ޝޯގެ އެ ހާއްސަކަން ޚުދު އޭނާ އަށް ވެސް އިހްސާސްކުރެވެން ފަށައިފި ކަމަށެވެ.
"އެންމެ ފުރަތަމަ މިއަށް ކުރިމަތިލިއިރަކު ހިތަކަށް ނާރާ މިހާ ހިސާބަކަށް އާދެވިދާނެ ކަމަކަށް. އެކަމަކު އުއްމީދެއް އިން. ވާހަކަ އަކީ ވަކި ހިސާބަކަށް ދާނަމޭ. ދުރަށް. އަދި މިއަށް ވުރެ ވެސް. މިހައި ހިސާބަށް އާދެވުނީމަ ވެސް އުފާވޭ. ޑްރީމްއެއް ވީމަ، އޭތި ފުލްފިލްވާން އުޅޭހެން ވެސް ހީވޭ،" ޝަލަބީ ބުންޏެވެ.
"ޗެލެންޖަކީ ޓައިމް ދެވޭ ގޮތް. ގަޑި އަށް ސަމާލުނުވެވުން ފަދަ މައްސަލަތައް. އެހާ ފަރުވާއެއް ނުބެހެއްޓޭ ދޯ ބަހައްޓަން ޖެހޭ ވަރަކަށް. ކޮންމެހެން އަންނަހިތް ނުވަނީކީއެއް ވެސް ނޫން. އެކަމަކު ވެސް ފުލް ޓައިމް ހުސްނުކުރެވެނީ މި ކަމަށް. ކުރީގަ އުޅެވިފަ ހުރި ގޮތުން އަދިވެސް އެ ފީލްއެއް ނާދޭ މިއީ ވަރަށް އިމްޕޯޓެންޓް އެއްޗެކޭ."
ޝަލަބީ ބުނަނީ މިހެންނެވެ. ފަހަރެއްގައި މާކުރީގެ ހަނދާންތަކެއް ވެސް ސަކަރާތެއްގެ ގޮތުގައި ފެވިގެން ގޮސްފައިވާތީ އެވެ.
"މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ނެތް މިގޮތަށް ލަވަކިޔުމުގެ ޝައުގުވެރިކަމެއް. އޭރު ދަސްކުރީ ބެރު ޖަހަން. އެންމެން ވެސް ބެރު ޖަހައި އުޅޭތީ ބެރު ޖަހަން ދަސްކުރީ،" އަށާރަ އަހަރުގެ ލަވަކިޔުންތެރިޔާ ބުންޏެވެ.
އަރަބިއްޔާގައި ލަވައެއް ނުކިޔުނު! ގުރުއާން ކިޔަވައިގެން އަބަދުވެސް ވަނަ ލިބޭ!
އޭނާ އަކީ އަރަބިއްޔާގައި ޕްރިފެކްޓެކެވެ. ކިޔެވުމަށް އަދި އިތުރު އެހެން ހަރަކާތްތަކުގައި ވެސް ނިކަން ބޮޑަށް ފާހަގަކޮށްލެވުނު ދަރިވަރެކެވެ. ވަކިން ހާއްސަކޮށް ގުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ވާދަކޮށް ގައުމީ ފެންވަރުގައި ވެސް ޝަރަފްވެރި ވަނަތަކެއް ހާސިލުކޮށްފައި އެބަހުއްޓެވެ.
އެގޮތުން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ގާތްގަނޑަކަށް ނުވަ ފަހަރު ވާދަކޮށްފައިވާއިރު ވަނައެއް ނުލިބޭ ފަހަރެއް ނުދެ އެވެ. ގައުމީ މުބާރާތުން ދެ ވަނަ ވެސް ލިބިފައި އެބަހުއްޓެވެ. އަދި ރާއްޖޭގެ ގަދަ 10 އެއްގައި ވެސް ހިމެނިފައި އެބަހުއްޓެވެ.
އެކަމަކު ވެސް އޭރު ވެސް އޭނާ އެންމެ ކުރަން ބޭނުންވި ކަމަކަށް ވެފައި އޮތީ ލަވަކިޔުމޭ ބުނުމަކުން އޭގައި ގޯހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އަރަބިއްޔާގައި ކިޔަވަން އުޅުނުއިރު ރައްޓެހި ކުދިންތަކަކާ އެކު ބޮޑުބެރު ގްރޫޕެއް ހަދައިގެން ބޮޑުބެރު ވެސް ޖެހި އެވެ.
ޝަލަބީ ބުނީ ފަހުން ކިޔެވުމުގެ ފޯރި އެކުގައި ދިޔައީ ކަމަށެވެ.
"ގްރޭޑް ނައިންއާ ހަމަ އަށް ވަރަށް ރަނގަޅު. އެކަމަކު ޓެންއާ ހަމައިން ކެނޑެން ޖެހުނީ. އެ ފީލްއެއް ނާދޭ. އަބަދުވެސް ކޮންމެވެސް އެއްޗެއް ހިތުދަސްކޮށްގެން ކަހަލަ ގޮތަކަށް އެގްޒާމްއަށް ދާން މި ޖެހެނީ. އޭތި އަންޑަސްޓޭންޑް ވާން ޖެހޭ ވަރަކަށް އަންޑަސްޓޭންޑެއް ނުވޭ. އެ އިންޓްރެސްޓެއް ވެސް ނީނދޭ،" ޝައުގުވެރިކަން ގެއްލިގެން ދިޔަ ގޮތް ކިޔައިދެމުން ޝަލަބީ ބުންޏެވެ.
"ދެން ކްލާސްތެރޭގައި ވެސް ގޮސް ބެރު ޖެހެނީ. ލަވަކިޔެނީ ކުދިން އެއްކޮށްލައިގެން. އެގޮތަށް ޖަހައިޖަހައި ޑެސްކުތަކުގެ ކަންތައް ނުހުންނާނެ ގިނަފަހަރު. ފުރަތަމަ ދާ ގޮތަށް ވެސް ގޮސް ބަލާނީ އެންމެ އަޑު ރަނގަޅު ޑެސްކެއް އިނދޭތޯ."
އެގޮތަށް އުޅެގެން ޝަލަބީ އަކީ އަބަދުވެސް ކްލާހުގައި އަދަބު ލިބޭ ކުއްޖެއްތޯއޭ ސުވާލުކުރުމުން އޭނާ އެއަށް ދިން ޖަވާބު ނިންމާލީ ވެސް ސުވާލަކުންނެވެ.
"ކިހާވަރަކަށް؟ އެކަމަކު އުޅުނީ ޕްރިފެކްޓް ޔުނީފޯމު އަޅައިގެން އެންމެ ކުރީގައި. ގަދަ އަށް ކިޔެވުމުގައި އުޅުނީ. އެކަމަކު ކުރާހިތްނުވާ ކަމެއްގައި ނޫޅެވުނީ،" ޝަލަބީ ބުންޏެވެ.
ޝަލަބީ ބުނީ އޭނާ އަށް ސްކޫލުން ނުވަތަ އަރަބިއްޔާ އިން ދަސްވި އެންމެ ބޮޑު އެއްޗަކީ މީހުންނަށް އިހްތިރާމްކުރަން ބަލާއިރު އެ އިހްތިރާމް އެ މީހަކަށް ހައްގުވަނީ ކިހިނަކުންކަން އެނގުން ކަމަށެވެ.
"އަރަބިއްޔާގައި އުޅުނުއިރު ލަވަކިޔުމުގެ ފުރުސަތު ނުލިބުނީތީ އަސްލު ވަރަށް ދެރަވޭ. މަންމަ އާއި ބައްޕަ އަކީ ވަރަށް ދީނަށް ލޯބިކުރާ ބައެއް. ދެން ދަރިއަކަށް ދޭން ޖެހޭ އެންމެ ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މަގުސަދުގައި އަރަބިއްޔާ އަށް އިތުބާރުކޮށް މައިންބަފައިން އަޅުގަނޑު އެތަނަށް ވެއްދީ،" ޝަލަބީ ކިޔައިދިނެވެ.
"އެހެން ސްކޫލަކަށް ދާން ބޭނުން ވެގެން ބަދަލުކޮށްދިނުމަށް ވެސް އެދުނިން. އެކަމަކު ފަހުން ވިސްނުނީ އެތަނުގައި އުޅެގެން މާ ބޮޑު ފައިދާއެއްކުރާހެން. އެހެން ވާހެން އެބަހީވެއޭ ބުނެފައި އެންމެފަހުން މަޑުކޮށްލީ އެތަނުގައި."
އަލީ ރަމީޒެއް ނޫން! އެކަމަކު އަލީ ރަމީޒެއް!
ޝަލަބީ އަކީ މޯލްޑިވިއަން އައިޑޮލްގައި "އަލީ ރަމީޒެއް" ވަރުގެ ލަވަކިޔުންތެރިޔޭ ބުނީމަ އޭނާ ހިތްހަމައެއް ނުޖެހުނެވެ. މޯލްޑިވިއަން އައިޑޮލްގެ މި ދަތުރެއްގައި ބަޔަކު މީހުން އޭނާ ދެ ވަނަ އަލީ ރަމީޒުގެ ގޮތުގައި ސިފަކުރިޔަސް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް އެފަދަ ވާހަކައަކަށް ނެތެވެ.
"މޯލްޑިވިއަން އައިޑޮލްގެ އަލީ ރަމީޒަށް ކީއްވެ ވާންވީ؟ މޯލްޑިވިއަން އައިޑޮލްގެ ޝަލަބީ އަށް ވާން އަޅުގަނޑު މި މަސައްކަތްކުރަނީ،" ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ.
"އަލީ ރަމީޒަކަށްވާކަށެއް ނޫން. އެކަމަކު ވެދާނެ މީހުން އެހެން ކިޔަނީ އާންމުކޮށް އަލީ ރަމީޒުގެ ލަވަތައް ކިޔާތީ ކަމަށް ވެދާނެ. އެއީ އެންމެ ކުޑައިރުއްސުރެންވެސް އަޑުއިވި ރީތިވެފައި ހުރީ އޭނަގެ ލަވަތައްވީމަ ކެޗީ ވަނީ އެ އެއްޗެހި. އާ ލަވަތަކެއް ނަގައިގެން ކިޔުމަށް ވުރެ އެނގިފަ ހުރި އެއްޗެއް އިތުރަށް މުއްސަނދިކޮށްގެން ކިޔާހިތްވަނީ."
މޯލްޑިވިއަން އައިޑޮލްގައި މިހިސާބަށް އައިއިރު އަލީ ރަމީޒުގެ ލަވަ ނޫން ލަވަތަކެއް ސޯލޯ ޕާފޯމެންސެއްގެ ގޮތުގައި ޝަލަބީ ހުށަހަޅައިދީފައިނުވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެކަމަކު ވެސް ޝަލަބީ ބުނީ އަލީ ރަމީޒަކީ އޭނާ އަށް ވަކި މީހެއްގެ ގޮތުގައި އެހާ ކަމުދާ މީހެއް ނޫން ކަމަށެވެ.
"އަލީ ރަމީޒުގެ ޓެކްނިކްސް، އޭނަ ލަވަކިޔާ ގޮތް އަދި އޭނާގެ މަހްރަޖު، އެ ހުރިހާ އެއްޗެއް ކަމުދަނީ. އޭނަ ކަމުގޮސްގެނެއް ނޫން،" އޮޅުން އަރާހެން ހީވާ ހިސާބުން ޝަލަބީ ސާފުކޮށްލަދިނެވެ.
"އެންމެ ކުރިންސުރެން ވެސް ފޯނަށް ލަވަ އަޅައިގެން އުޅެނީ. އަލީ ރަމީޒުގެ ލަވަތައް ގިނަވާނީ. ދެން ދޭތެރެއަކުން ޓޭލާ ސްވިފްޓް ވެސް މައިލޭ ސައިރަސްމެން ފަދަ ލަވަތައް ވެސް ޖަހަން."
"ފަށައިގަތްއިރު ކަމުދަނީ އަލީ ރަމީޒުގެ ލަވަތައް އެކަނި. އެންމެކުރިންސުރެ ވެސް އަޑުއިވެނީ އަލީ ރަމީޒުގެ ލަވަތައް. އަވާމެންދުރު ފަދަ ޕްރޮގްރާމްތަކުގައި ވެސް."
ކަޓާފާނެ ކަމުގެ ބިރު ބޭނުމެއް ނޫން!
ޝަލަބީ ބުނަނީ އޭރުން ޕާފޯމްކުރަން ބޭނުންވާ އެންމެ މަތީ ފެންވަރުގައި އޮންނާނީ ޕާފޯމްނުކުރެވިފަ އެވެ.
"އެ ބިރުވެރިކަން ބައިންދާކަށް ބޭނުމެއް ނުވޭ. ކޮންމެ މީހެއްގެ ވެސް އިންނާނެ އެ ބިރުވެރިކަން. އެކަމަކު އެ ބިރުވެރިކަމާ އެކު ރަނގަޅު ޕާފޯމެންސެއް ވެސް ނުދެވޭނެ. އަމިއްލަ ނަފުސަށް ދޭ ނަސޭހަތެއްގެ ގޮތުގައި މިހެން މި ބުނަނީ. މުބާރާތުން ކަޓާފާނެ ކަމުގެ ބިރެއް ނީނދޭ އިންނަން ޖެހޭ ވަރަކަށް އަސްލު،" ޝަލަބީ ބުންޏެވެ.
އޭނާ ބުނީ މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވިއްޖެ ނަމަ އެންމެ ބޮޑު އެހީއެއް ފޯރުކޮށްދޭން ބޭނުންވަނީ ހާއްސައެހީ އަށް ބޭނުންވާ ކުދިންނަށް ކަމަށެވެ.
"އަޅުގަނޑު ބަލާނަން އަޅުގަނޑުހެން މިހައި ހިސާބަށް އައި ކޮންމެ މީހަކަށް ވެސް އެހީވެދެވޭތޯ. ހެޔޮހިތުން ބަލާނަން. އެކީގައި އުޅޭ ރައްޓެހިން އަދި ވަކިން ހާއްސަކޮށް ޑިސްއެބިލިޓީސް ހުންނަ ކުދިންނަށް ކޮންމެވެސް ކަހަލަ އެހީއެއް ވެވޭތޯ ބަލާނަން. އެއީ ކުޑައިރުއްސުރެން މިހައި ހިސާބަށް އައިއިރު ވެސް ވަރަށް ގިނަ އެއްޗެހިތަކެއް ފެނުނު. ކިޔަވަން ބޭނުންވެފައި، އެކަމަކު ނުކުޅެދުންތެރިކަން ހުންނާތީ އެ ކުދިންނަށް ބޭނުންވާ ފަރުވާ ނުލިބިގެން ކިޔެވުމުގެ ފުރުސަތު ނުލިބިފައި ތިބި ކުދިން ވެސް،" ޝަލަބީ ބުންޏެވެ.
"އެހެންވީމަ އެކަހަލަ ބަޔަކަށް އެހީވުން ކަހަލަ ކަމެއް ކުރަން ބޭނުންވަނީ. އެއްގޮތަށް ވެސް އަޅުގަނޑު މިއީ މާ ރަނގަޅު މީހެއްކަން ދެން ތިބި މީހުންނަށް އަންގާކަށް ނޫން."
ޝަލަބީ އަށް މި ސްޓޭޖު ހައްގުތައް؟
މިއީ ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. ވަކިން ހާއްސަކޮށް މި މުބާރާތުގައި ވާދަކުރާ އެހެން ލަވަކިޔުންތެރިންގެ ސަޕޯޓަރުންގެ ހިތުގައި އުފެދިފައިވާ ސުވާލެއްވެސްމެ އެވެ. ސަބަބަކީ ޝަލަބީ އަކީ ކޮން ފެންވަރެއްގެ ލަވަކިޔުންތެރިއެއްކަން އެންމެނަށް ވެސް އެނގޭތީ އެވެ.
އޭނާ އަކީ މި މުބާރާތުގައި ތިބި ކުދިންނަށް ބަލާއިރު ތަޖުރިބާ އާއި ފުރުސަތުގެ ގޮތުން ވެސް އެމީހުންނަށް އަރާހަމަކުރަން އުނދަގޫ ހިސާބަކަށް ދަތުރުކޮށްފައިވާ ލަވަކިޔުންތެރިއެކެވެ. މަޝްހޫރު ދަންމާނު ބޮޑުބެރު ގްރޫޕާ އެކު ބޮޑުބެރު ޗެލެންޖު ކާމިޔާބުކުރުމުގެ އިތުރުން މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާ އެކު ޑުއެޓް ޕާފޯމެންސްތައް ވެސް ދީފައި އެބަހުއްޓެވެ.
ޝަލަބީ ފެންވަރުގެ މޮޅު ލަވަކިޔުންތެރިޔަކު މި ރޭހުގައި ހުރުމުން އެއް ބަޔަކު ހިތްހަމަނުޖެހެނީ މި ސަބަބާ ހެދި އެވެ. އެކަމަކު އޭނާ ބުނަނީ އޭނާ އަކީ އެބުނާ ފެންވަރުގެ ނުވަތަ އެވަރުގެ ބޮޑެތި ކާމިޔާބީތަކެއް ނުވަތަ ފުރުސަތުތަކެއް ވެސް ލިބިފައިވާ ލަވަކިޔުންތެރިއެއް ނޫން ކަމަށެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުރިއަރަން ބޭނުންވާ މީހަކު ހަމައެކަނި ބަލާނީކީ އެންމެ ރޯޑަކަށް ނޫނޭ. ކުރި ނޭރިފައޭ މިހުރީ. އެއީ މި ރާއްޖޭގައި ވީމަ ކަމަށް ވެދާނެ. ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން އަޅުވެތިކަމެއްގައި އުޅެގެން ނޫން ގޮތަކަށް އެމީހަކު ދާން ބޭނުންވާ ހިސާބަކަށް އެއްކަމަކުން ވެސް ނުދެވޭނެ މިތަނުގައި. މިއީކީ ދައްކަން ޖެހޭ ވާހަކައެއް ނޫން،" ޝަލަބީ ބުންޏެވެ.
"ކުރިއަށް ދާން އުޅެންޏާމު ކޮންމެވެސް މީހެއްގެ ހަސަދަވެރިކަމެއް، ކޮންމެވެސް މީހެއްގެ ނުރުހުމެއް އަބަދުވެސް އިންނާނެ. އެ ކްރިޓިސައިޒް އިނދެގެންކަން ނޭނގެ އިންސާނަކު ދާން ބޭނުންވާ ހިސާބަކަށް ދެވޭނީ ވެސް. އަޅުގަނޑު އެ ފާޑުކިޔުން ނަގަނީ ޕޮޒިޓިވް އެއްޗެއްގެ ގޮތުގައި."
"މިސާލަކަށް ލަވައެއް ކިޔައިގެން އަޅުގަނޑަކަށް ނުދެވޭ (ތިބުނާ) ހިސާބަކަށް. ލިބުނު ޗާންސެއްވީމަ އޭގައި ހިފީ އަޅުގަނޑު. އަޅުގަނޑަކީ މާ މޮޅު ދިރިއުޅުމެއް އުޅޭ މީހެއް ނޫން މިތާނގަ އެއް އިރެއްގަ ވެސް. އަދި ކާމިޔާބީއެއް ލިބުނަސް ވެސް އެގޮތަށް އުޅެން ބޭނުންވާ މީހެއް ވެސް ނޫން."
"ބޭނުންވަނީ ކުރާހިތްވާ ކަމެއް ކުރަން. ކުރެވޭ އެންމެ ރަނގަޅަކަށް. މިއީ އެންމެ ކުރާ ހިތްވާ ކަންތައް."