މިއީ ވެސް މޯލްޑިވިއަން އައިޑޮލްގެ ފެވަރިޓެކެވެ. އަދި އެއް ބަޔަކު ބުނާ ގޮތުން ނަމަ މި ޝޯގައި އަލީ ރަމީޒުގެ ހަނދާން އެންމެ ގަދަ އަށް އާކޮށްދޭ ދެ ލަވަކިޔުންތެރިންގެ ތެރެއިން އެކަކަކީ ވެސް މިއީ އެވެ. އަނެކަކީ ޝަލަބީ އިބްރާހިމް އެވެ.
ޝަލަބީގެ ލަވަކިޔުމުގެ ސްޓައިލް އަލީ ރަމީޒާ ވައްތަރޭ މީހުން ކިޔަނީ އެއްގޮތަކަށް ވެސް ޝަލަބީ އެކަމަށް އެދި އާދޭސްކޮށްގެނެއް ނޫނެވެ. އަދި 21 އަހަރުގެ މި ލަވަކިޔުންތެރިޔާ އަހުމަދު އިޝާންގެ އަޑު ވެސް އެއް ބަޔަކު އަލީ ރަމީޒުގެ އަޑާ ވައްތަރުކުރަނީކީ ހަމަ އެއްގޮތަކަށް ވެސް އިޝާން އެގޮތް ބޭނުންވާތީކީއެއް އަދި އަލީ ރަމީޒަށް ހެދިގެން އުޅޭތީކީއެއް ވެސް ނޫނެވެ.
އެކަމަކު ވެދާނެ ގޮތެއް އެބައޮތެވެ. މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ފެށިގެން މިހާތަނަށް އައިއިރު ސޯލޯ ޕާފޯމެންސްތަކުގައި އިޝާން މުޅިން ވެސް ހުށަހަޅައިދީފައި ވަނީ އަލީ ރަމީޒްގެ ހިތްގައިމު ލަވަތަކެވެ. ފަހަރެއްގައި ޝަލަބީއެއް އަލީ ރަމީޒަކަށްވި ގޮތަށް މި އިޝާނެއް ވެސް ބައެއްގެ މެދުގައި އަލީ ރަމީޒަކަށްވެގެން އުޅެނީ މިހެންވެ ކަމަށް ވުން ގާތެވެ.
އިޝާން އަކީ ހަގީގަތުގައި ވެސް ވެސް އަލީ ރަމީޒުގެ ފޭނެކެވެ. އެހެން ނަމަވެސް އޭނާ ބުނަނީ މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގައި ކުރިއަށް އޮތްތަނުގައި އޭނާ އަލީ ރަމީޒުގެ ލަވައެއްކިޔާ އަޑު ދެން ނީވޭނެ ކަމަށެވެ.
އިޝާންގެ އަސްލު ސްޓައިލަކީ ނުވަތަ އޭނާއާ އެންމެ ރައްޓެހި ޖޮންރާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޭނާ އަކީ ސީދާ ޑެތު މެޓަލް ފޭން އެކެވެ. ޑެތު މެޓަލް ބޭންޑެއް ވެސް އޭނާގެ އެބައޮތެވެ. އެއީ އެފޯމަސް އެވެ.
އެކަމަކު މޯލްޑިވިއަން އައިޑޮލްގެ ބެލުންތެރިންނަށް އިޝާން މި ފެންނަނީކީ އެއްގޮތަކަށް ވެސް ޝޯގެ އަނެއް މެޓަލް ބައިވެރިޔާ މުއައްޒިންއަކާ އެއްފަދަ ހުށަހެޅުންތަކަކުންނެއް ނޫނެވެ. މާ ބޮޑަށް ވެސް އަލީ ރަމީޒުގެ ފޭނެއްގެ ގޮތުގަ އެވެ.
"އަލީ ރަމީޒަކީ ނަމްބަ ވަން،" އިޝާން ބުނީ މިހެންނެވެ.
"ވެދާނެ މިސާލަކަށް އެގޮތަށް ލަވަކިޔާ މީހުންގެ ތެރެއިން އެންމެ ކަމުދަނީ އަލީ ރަމީޒުް. ވެދާނެ އޭނަ އެހާ ބޮޑަށް ކަމުދާތީ އެކަހަލަ ކަލަކިޔާއިރު އޭނަގެ ލަވަކިޔެނީ ކަމަށް ވެސް."
ދެން ބުނީ އޭނާ ވެސް ދެކޭ ހުވަފެނަކީ އަލީ ރަމީޒު ފަދަ ލަވަކިޔުންތެރިޔަކަށް ވެވޭނެ ދުވަހެއް ކަމަށެވެ. އަދި މި ޝޯގެ ދަތުރުގައި އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް އަލީ ރަމީޒު ކަމަށް ބުންޏެވެ.
އެހެންވީއިރު މި މެޓަލް މިއުޒިކަކާއި އިޝާންގެ ބޭންޑެއްގެ ވާހަކަ މި އަންނަނީ ކިހައި ހިސާބަކުން ހެއްޔެވެ؟ އެއީ އަދި މާ ކުރީގެ ވާހަކަ އެކެވެ. އިޝާން ލަވަކިޔުންތެރިޔަކަށް ބަދަލުކޮށްލީ ވެސް މި ބޭންޑެކެވެ. އެންމެ ފުރަތަމަ އޭނާ އަކީ ލަވަކިޔަައި އުޅުނު ޒުވާނެއް ނޫނެވެ. މިހާ މޮޅަށް ލަވަކިޔޭކަމެއް ވެސް އެސޮރަކަށް ނޭނގެ އެވެ. ނުވަތަ އާންމުންގެ ތެރޭގައި މިގޮތަށް ލަވަކިޔަން އެންމެ ކުރިން ލަދުގަންނަނީ އެވެ.
އިޝާން ބުނީ އޭނާ އާއި މިއުޒިކްގެ ވާހަކަ ފެށިގެން އަންނަނީ ގޭގައި ބޮޑުބޭބެއަކު ގެންގުޅުނު ގިޓައެއް ވަގަށް ނަގައިގެން ކުޅެން ދަސްކުރި ހިސާބުން ކަމަށެވެ.
"ބޭބެ ގެންގުޅޭ ގިޓާއަކުން ފުރަތަމަ ކުޅެން ދަސްކުރީ. އޭނަ ބުނެފައި އޮންނާނީ އޭގައި އަތް ނުލަން. ދެން ވަރަށް ވަގުވަގަށް އެ ގިޓާ ނަގައިގެން ރޭގަނޑު ދަންވަރު ކުޅޭނީ ވެސް. ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި ދަސްވެއްޖެ ގިޓާ ކުޅެން. ފުރަތަމަ ގިޓާ އިން ކުޅެން ދަސްކުރީ ޗާލޭ. އެންމެންގެ ވެސް ފެށުން އޭރަށް ބަލާ ނަމަ އެއީ،" ލާނެތް ހިނިގަނޑެއް ޖަހާލަމުން އިޝާން ބުންޏެވެ.
އޭނާ ބުނީ ލަވަކިޔުމަކީ އަދި މާ ފަހުގެ ކަމެއް ކަމަށެވެ. މިއޮތް ހާ ދުވަހު ކުރި ކަމަކީ މިއުޒިކް ކުޅުން ކަމަށެވެ.
"މިއުޒިކްގެ ތެރޭގައި މިގޮތަށް އުޅޭތާ ހަތް އަހަރު މިހާރު. އެކަމަކު ރެގިއުލާކޮށް ލަވަކިޔާތާ އަދި އެއް އަހަރު މިވީ،" އިޝާން ކިޔައިދިނެވެ.
"ވީގޮތަކީ ބޭންޑްގައި ލަވަކިޔަމުން ދިޔަ ކުއްޖާ ދިމާވި ގޮތަކުން ބޭންޑު ދޫކޮށް ދިޔައީމަ ލަވަކިޔާނެ މީހަކު ނެތިގެން ލަވަކިޔަން ޖެހުނީ. އޭނަ ދިޔައީމަ ކޮންމެ ގޮތެއްވިޔަސް ރިސޯޓަށްދާއިރު ލަވަކިޔާ މީހަކު އެބަ ހުންނަން ޖެހޭ ބޭންޑްގައި."
އިޝާން ވެސް ލަވަކިޔަން ޖެހުނީ މަޖުބޫރުވެގެންނެވެ. މި މޯލްޑިވިއަން އައިޑޮލްއެއްގައި އުޅޭ މުއައްޒިންއެއް ވެސް ލަވަކިޔަން ފެށީ ހަމަ މިގޮތަށް ބޭންޑްގައި ލަވަކިޔާނެ މީހަކު ނެތިގެންނެވެ. އަދި އެހެރަ ފާލިހެއް ވެސް ލަވައިގެ ދުނިޔެ އަށް ދަމައިގެން ދިޔަ ގޮތަކީ ހަމަ މިއީ އެވެ.
ފާހަގަކޮށްލަން ޖެހޭ ތަންކޮޅަކީ ކުރިން ލަވަކިޔަން ލަދުގަތް ނުވަތަ އެ ހުނަރު ހުރިކަން ނޭނގި ތިބި މި ތިން ލަވަކިޔުންތެރިން ވެސް އަދި ޝޯގައި އެބަތިބިކަމެވެ.
ކޮންމެއަކަސް އެންމެގެ އުއްމީދުތައް ވެސް ވަރަށް ބޮޑެވެ. އިޝާންގެ އުއްމީދަކީ ކޮބައިތޯ ބައިލަމާ ހިނގާށެވެ.
"އުއްމީދަކީ އެންމެ ފަހު ޝޯގައި ވެސް ކިޔުން. ފައިނަލް ޝޯގައި ވެސް ލަވަކިޔަން ފުރުސަތު ލިބުމުން. އުއްމީދުކުރެވޭ. އެކަމަކު ފަށާއިރު އެއްވެސް މީހަކު މޮޅެއް ނުވާނެކަން އެނގޭ،" އިޝާން ބުންޏެވެ.
"ދެރަވާނެ ކަޓައިފިއްޔާމު. ރޮވޭނެއެކޭ ނުރޮވޭނެއެކޭ ވެސް ނުބުނާނަން. އިޝާން މިއީ ނުލާހިކު އަވަހަށް ރޮވޭ މީހެއް އަދި. (ޕިއާނޯ ރައުންޑުގައި) ވެސް ރޯން ވެސް ރުއީމޭ."
"ބޭނުން ރިސޯޓް މިއުޒިކް ކުޅެން ވެސް. މޯލްޑިވިއަން އައިޑޮލް ނިމުނީމަ އަނެއް މަގަށް އަޅާއިރު ބައިވަރު ދޮރު ހުންނާނެ ދޯ ހުޅުވިފައި. މުބާރަތަކުން ވިންވެގެނެއް ނޫން އެހެން އާޓިސްޓުން ވެސް ކޮންމެހެން ކުރިއަށް ގޮސްފައި އެތިބީކީ. ހާޑް ވޯކް. އެންޑް ޑިސިޕްލިން. އެއީ މިއުޒީޝަނެއްގެ އެންމެ މުހިންމުކަމަކީ އަޅުގަނޑުގެ ހިޔާލުގައި."
"މިސާލަކަށް އަލީ ރަމީޒު. ވަރަށް ޑިސިޕްލިންޑް މީހެއް."
"އަޅުގަނޑުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަލީ ރަމީޒު. އަޅުގަނޑު ކުރިއަށް މި ދަނީ ވެސް އޭނަ އަށް އިންސްޕަޔާވެގެން. ހަމަ އެގޮތަށް އަޅުގަނޑުގެ ވާހަކައިން އިންސްޕަޔާވެގެން މިގޮތަށް ބަޔަކު އަންނަތަން ދެކެން ބޭނުންވޭ."
އެހެންވީއިރު މި މުބާރާތް އިޝާނަށް ކާމިޔާބުކުރެވިއްޖެ ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟
"ހަމަ ގައިމު ވެސް މުބާރާތް ކާމިޔާބުކުރެއްވިއްޖެ ނަމަ މަމީ މޯލްޑިވިއަން އައިޑޮލްއޭ ކިޔާފައި ފޮންޏެއް ނުވާނަން. ބޭނުންވަނީ އަޅުގަނޑު މިހައި ހިސާބަށް އައިގޮތަށް އިތުރު ބަޔަކު މިހިސާބަށް އަންނަން،" އިޝާން ބުނީ މިހެންނެވެ.
ދެން އެހެންވީއިރު އިޝާންގެ އަޑު އަލީ ރަމީޒުގެ އަޑާ ވައްތަރޭ ކިޔާ މީހުންނަށް ބުނެލާނީ ކީކޭ ހެއްޔެވެ؟
"އަލީ ރަމީޒުގެ އަޑާ އަސްލު ނުވާނެ ވައްތަރެއް. އަހަންނަށް ވަރަށް ތަފާތު ގައިމު ވެސް ދެ މީހުންގެ އަޑު. މަށަކަށް އެއްވެސް ވައްތަރެއް ނޫން އަލީ ރަމީޒުގެ އަޑާ އަޅުގަނޑުގެ އަޑެއް. އަލީ ރަމީޒަކާ ވައްތަރެއް ވެސް ނުވާނެ. އެއީ އެހާ ވެސް ރީތި އަޑެއް. އެކަމަކު އަޅުގަނޑުގެ އަޑު އަލީ ރަމީޒާ ވައްތަރޭ ބުނާތީ އުފާވޭ. އެކަމަކު ވަކި އަލީ ރަމީޒު ލަވަކިޔާ ގޮތަކަށް ލަވަކިޔާކަށް ވެސް ނޫޅެން. ވައްތަރުކުރަން ގައިމެއް ވެސް ނޫޅެން،" އިޝާން ބުންޏެވެ.