ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނިބިކަނބަލުން ސާޖިދާ މުހައްމަދާއި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި އަދި ރައީސްގެ ބައެއް އެޑްވައިޒަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެވަޑައިގެން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގްތިސާދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް މުއިއްޒު ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީ އަށެވެ. އޭގެފަހުން ތުރުކީ މަގުން ޔޫއޭއީ އަށް ވަޑައިގެން ކޮޕް 28 ސަމިޓްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަން ތައްޔާރުވަމުންދާއިރު އެމަނިކުފާނުގެ މިސަރުކާރު ވާނީ ޗައިނާއާ ވަރަށް ގާތްގުޅުމެއް އުފައްދާނެ ސަރުކާރަކަށް ކަމަށް ބުނެ ވާދަވެރި ސިޔާސީ ބޭފުޅުން މިހާރުވެސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.