ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޝިއަމެން ފްރީޓްރޭޑް ޒޯނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ މި ޒިޔާރަތުގައި ޝިއަމެން ފްރީޓްރޭޑް ޒޯނުގެ ފަރާތުން ވަނީ އެތަނާބެހޭ ތައާރަފެއް ހިމެނޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފަ އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ މިތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތީ މިއަދު އެވެ.

ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި އަދި ރައީސްގެ ބައެއް އެޑްވައިޒަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށްވެސް އެ އޮފީހުން ބުނެ އެވެ.

އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.