ހަބަރު

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ބޮޑެތި ދަތިތަކެއް

  • ކަރަންޓް ދިޔައީ، މިރޭ 9:00 އެހާކަންހާ އިރު
  • މައްސަލަ ދިމާވީ ޑިސްޓްރިބިއުޝަން ފޮއްޓަކަށް
  • މީހުންނަށް ވަނީ ތަކުލީފުތަކެއް ކުރިމަތިވެފައި

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި ބޮޑެތި އުނގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މާލޭގެ ހުރިހާ ސަރަހައްދަކަށް އެއްކޮށް ލިބިފައިވަނީ ދެ ގަޑިއެއްހާއިރު ފަހުންނެވެ.

ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މިރޭ ނުވައެއް ޖަހާކަށްހާއިރު އެވެ.

މާފަންނާއި ގަލޮޅު އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން 45 މިނެޓެއްހާއިރަށް ކަރަންޓު ކެނޑުމަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓު އައިސްފައިވަނީ 9:45 ހާއިރު އެވެ. އެހެން ނަމަވެސް އިރުއިރުކޮޅާ ކަރަންޓު ކެނޑިފައިވެ އެވެ. މިކަމާ ގުޅިގެން ސެޓްލްކޯއިން ބުނެފައިވަނީ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓު ދެވޭނެ ކަމަށެވެ.

ކަރަންޓް ކެނޑުނީ ހަފްތާ ބަންދާ ދިމާކޮށް ކަމަށްވުމުން ވިޔަފާރިތަކަށް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ. އެގޮތުން ވިޔަފާރި އެންމެ ރަނގަޅުވާ ވަގުތުގައި ކަރަންޓް ދިޔުމުން ބޮޑެތި ފިހާރަތަކުގެ ސޭލްސްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުމާ ގުޅިގެން މުއާސަލާތީ ބައެއް ހިދުމަތްތަކަށް މައްސަލަތަކެއް ޖެހުނެވެ. އަދި ބައެއް ޓީވީ ސްޓޭޝަންތަކުގެ ހިދުމަތް ވެސް ވަނީ ކަނޑައިގެން ދިޔަ އެވެ.