މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ރާއްޖޭގެ ވައި އާދަޔާ ހިލާފަށް ނުސާފުވެއްޖެ

ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވައި ނުސާފުވެ ލޮލަށް ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާއްސަކޮށް މެދު ރާއްޖެ ތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ ފަސް ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.

ދުރަށް ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭ ވެހުން މުހިއްމު ދައުރެއް އަދާކުރެ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެ އެވެ.

އައިކިޔު އެއާ ވިޝުއަލް އެޕް އިން ދައްކާ ގޮތުން ރާއްޖޭގެ ވައިސާފް މިންވަރު ހުރީ 150-101 ދެމެދުގައެވެ. މިއީ ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތައް ގެއްލުން ހުރި މިންވަރެކެވެ.

އެ އެޕްލިކޭޝަނުން ދައްކާ ގޮތުގައި މިއަދު އެއްކޮށްވެސް ވައި ނުސާފުވާނެ ކަމަށް ދައްކަ އެވެ. އަދި ހާއްސަކޮށް ރޭގަނޑު ގަޑީގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވާނެ ކަމަށް ދައްކަ އެވެ.

އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ، ދުރަށް ފެންނަ މިންވަރު ދަށްވެގެންދެ އެވެ.