ވިޔަފާރި

ސިންފަނީ ރެސްޓޯރެންޓްގެ އޯޕަން އެއާބައި ހުޅުވައި ރަހަ މީރުކޮށްދީފި

Feb 27, 2016
2
  • އާ ބައިގައި 70 މީހުންނަށް ކެއުމަށް އިންސާފު ކުރެވޭ
  • ތަނަވަސް ބޮޑު ޖާގައެއް އޮވޭ
  • ތަފާތު ރަހަތަކުގެ ބުފޭތައް ސިންފަނީގައި މިހާރު އޮންނާނެ

މިއީ ރަހައަށް، ކުލައަށް، ހިދުމަތަށް ބަދަލެއް ނާންނަ ރެސްޓޯރެންޓެކެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ސިންފަނީ ރެސްޓޯރެންޓެވެ. ސިންފަނީ ހުޅުވިތާ 24 އަހަރު ފަހު މި ރެސްޓޯރެންޓުގައި މިވަނީ ގިނަ ބަޔަކަށް ކެއުމަށް އިންސާފު ކުރެވޭ ގޮތަށް އޯޕަން އެއާ "ގާޑަން" ބައެއް ރޭ ހުޅުވާފަ އެވެ. ތަނަވަސް މާހައުލެއް އިހުސާސް ކުރެވޭ ގޮތަށް ހުޅުވި މި ހިތްގައިމު ބައިގެ ސަބަބުން ސިންފަނީގެ ރަހަތައް މިވަނީ އިތުރަށް މީރުކޮށްދީފަ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ސިންފަނީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ޔާމީން ވަލީދު ވިދާޅުވީ މީގެ ކުރިން ސިންފަނީ ރެސްޓޯރެންޓުގައި ހުންނަނީ ހަމައެކަނި އިންޑޯ ބައެއް ކަމަށާ ނަމަވެސް އަލަށް ހުޅުވި އޯޕަން އެއާ ބައިގެ ސަބަބުން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށެވެ.

"މިތަނުގައި [އޯޕަން އެއާ] ބައިގައި އެއް ފަހަރާ 70 މީހުންނަން ތިބެވޭނެ ޖާގަ އޮންނާނެ. އެހެެންވެ ކުރީގެ އިންޑޯ ބަޔާއެކު 125 މީހުންނަށް އެއް ފަހަރާ ކާން ތިބެވޭނެ،" ޔާމީން ވިދާޅުވި އެވެ.

ސިންފަނީގެ މުސްކުޅި ރެސްޓޯރެންޓާ އިންވެގެން ހުޅުވި އޯޕަން އެއާބައިގައި ރޭގަނޑުގެ ވަގުތުތަކުގައި ބުފޭ ވެސް ކުރިއަށްދާނެ އެވެ. އަދި ހަފުތާ ބަންދު ފަދަ ހާއްސަ މުނާސަބަތުތަކުގައި ލައިވް މިއުޒިކް އޮންނައިރު، ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް އަންނަ ފަރާތްތަކަށް ހާއްސަކޮށް ބްރެކްފާސްޓް ބުފޭވެސް އޮންނާނެ ކަމަށް ސިންފަނީ ގްރޫޕުން ބުނެ އެވެ.

އެމްޑީ، ޔާމީން ވިދާޅުވީ މީގެ ސަބަބުން ކޮފީއަށް އަންނަ ކަސްޓަމަރުންނަށް އެ ރެސްޓޯރެންޓުގެ ހިދުމަތް ހޯދުމުގެ މަގު ތަނަވަސް ވެގެން ގޮސްފައިވާ ކަމަށެވެ.

"މިތަން ހުޅުވިއިރު ސްޓާފުންވެސް އިތުރުވެގެންދާނެ. މެނޫވެސް ބަދަލުވާނެ. މުޅިން އާ އައިޓަމްތައްވެސް މިހާރު ހުންނާނެ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯޕަން އެއާ ބައެއް ހުޅުވިނަމަވެސް އަގަށް ބަދަލެއް ނަންނާނެ ކަމަށެވެ.

"އާތަން ހުޅުވިގެން އަގަށް ވަކިން ހާއްސަ ބައެއް ނާންނާނެ،" ޔާމީން ވިދާޅުވި އެވެ.

ސިންފަނީ ރެސްޓޯރެންޓަކީ ކޭޓަރިންގެ ހިދުމަތް އެންމެ ފުޅާކޮށް ދޭ އެއް ކުންފުންޏެވެ. މީގެ އިތުރުން މި ބްރޭންޑުގެ ދަށުން މާފުށީގައި 18 އެނދުގެ ގެސްޓް ހައުސްއެއްވެސް ހިންގަމުންދެ އެވެ.