ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންނަށް ކުށުގެ ރެކޯޑް ސާފުކޮށްދިނުން ފަސޭހަކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުށުގެ ރެކޯޑް ސާފުކޮށްދިނުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އަވަސްކޮށްދީފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ ފަސް މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނެ ކަމަށެވެ.

ކުށުގެ ރެކޯޑެއް އޮތްނަމަ އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށާއި އަދި އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ވާހަކަދައްކައިގެން ހައްލުކޮށްގެން ކުރިއަށް ދާނީ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ދުރާލައި ކުށުގެ ރެކޯޑް ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހު އެވެ.