ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބުގެ ވޯޓް ގުނަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައެއް މަރުކަޒުތަކުގައި ވޯޓް ގުނަން ފަށައިފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. 5:30 ވީއިރު ކިޔުގައި މީހުން ނެތް ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު 5:30 ގެ ކުރިން ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަވީރު 5:00 އާ ހަމައަށް ވޯޓުލީ 207،693 މީހުންނެވެ.

އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.96 ޕަސަންޓެވެ. މީގެ ތެރޭގައި ހިމެނެނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުންނެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.