ދުނިޔެ

އިޒުރޭލުން ގަސްދުގައި ގަތުލުއާންމެއް ނުހިންގާ: އެމެރިކާ

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް އަނެއްކާވެސް އެމެރިކާއިން ދިފާއުކޮށްފި އެވެ.

އެމެރިކާ ދެކޭ ގޮތުގައި ޔަހޫދީ އަސްކަރީ ބާރުތަކުން ޣައްޒާގައި ހިންގަމުން އެ ގެންދަނީ ގައުމާއި ނަފުސުގެ ދިފާއުގައި ހިންގާ ހަރަކާތްތަކެކެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކާބީ ވިދާޅުވި ގޮތުގައި އިޒުރޭލުން ގަސްދުގައި ގަތުލުއާންމެއް ޣައްޒާގައި ހިންގާފައެއް ނުވެ އެވެ. އަދި އެކަމަށް ބާރުދޭ ހެއްކެއް، ބައިނަލްއަގްވާމީ އިދާރާތަކަށް ފެނިފައެއް ވެސް ނުވެ އެވެ.

އިޒުރޭލު ގޮވައިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދިއުމަށް މެކްސިކޯއާ ޗިލީއިން ގޮވާލާފައި އޮތް ގޮވާލުމާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޖޯން ކާބީ ވިދާޅުވީ -- އިޒުރޭލު ގޮވައިގެން ކޯޓަށް ދެވޭ ވަރުގެ ހެކިތަކެއް ފެނޭތޯ އެމެރިކާ ވެސް ބަލާ ކަމަށެވެ.

ޖޯން ކާބީ އަދި ވިދާޅުވީ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ލައްވައި އެމެރިކާއިން ހޯދި ހޯދުންތަކުން ވެސް -- އިޒުރޭލާ ދެކޮޅަށް ތިޔަ ބުނާ ކަހަލަ ހެކިތަކެއް ހުރިކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިއަދާ ހަމައަށް ފޯރާފައި ވާއިރު 25،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެކިވަރުގެ އަނިޔާ ލިބި ފަރުދޭން ޖެހުނު މީހުންގެ އަދަދު 60،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ.

ޣައްޒާއަށް އެޅި ބޮންތަކުގެ ސަބަބުން ބިމާހަވެފައި ހުރި އިމާރާތްތަކުގެ ދަށުގައި މީހުން ތިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ގެއްލިފައި ވަނީ ކިތައް މީހުންކަން އޮތީ އަދަދުނުކުރެވި އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވެފައި ވާއިރު އެއީ ގަސްދުގައި ދިން ހަމަލާތަކުން މަރުވި މީހުން ނޫން ކަމަށް އިޒުރޭލާއި އަދި ޔަހޫދީންނަށް ވާގިވެރިވާ ގައުމުތަކުން ބުނެ އެވެ.

މި ބުނުން އެންމެ ބޮޑަށް ދަމަހައްޓަނީ އެމެރިކާއާ އިނގިރޭސިވިލާތުންނެވެ.

ނަމަވެސް، ޣައްޒާއަށް ހަމަލާދިނުމުގައި ބައިވެރި އަސްކަރީ އޮފިޝަލުން ނޫސްތަކަށް މައުލޫމާތުދެމުން، ޣައްޒާއަށް ގަސްދުގައި ހަމަލާދިން ކަމަށް ވަނީ އެއްބަސްވެފަ އެވެ. އާންމު ގެދޮރަށް ހަމަލާދިން ކަމަށް އެ މީހުން ބުނަނީ އެއީ އާންމުން ބިރުގެންނެވުމަށް ކުރި ކަމެއް ކަމަށެވެ.

އާންމުގެ ގަޔަށް ކުށަކާ ނުލައި ބަޑިޖެހުމާއި ގަބުރު ކޮނެގެން ފަލަސްތީން މީހުންގެ ގުނަވަންތައް ވަގަށް ނަގާ ކަމަށް ވެސް ޔަހޫދީން ވަނީ އެއްބަސްވެފަ އެވެ.