ދިރާގު

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލައިފި

ދިރާގުން ކުރިއަށްގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލައިފި އެވެ. މި ޕްރޮމޯޝަންގެ މި އަގުހުރި އިނާމު ދައްކާލާފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

މި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު އާ ތަޖުރިބާއެއް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް ޓެސްލާ ކާރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެ އެވެ.

ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.