ހަބަރު

އިގްތިސާދު ރަނގަޅުވޭ، އެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކާ: ސައީދު

Feb 28, 2016
3
  • ރާއްޖޭގެ ގްރޮސް ރިޒާވް އިތުރުވެފައިވޭ
  • ދެ އަހަރު ތެރޭގައި 40،000 ވަޒީފާ އުފެދުނު
  • އިގްތިސާދު ރަނގަޅުވާ ކަމަށް އައިއެމްއެފުން ބުނޭ

ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް އެ ވާހަކަ ދައްކަން އިނދިކޮޅު ފަރާތްތަކުން ބޭނުންނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުންދާތަން ނަންބަރުތަކުން އެނގޭ ކަމަށާއި، މި ހިސާބުތަކަށް ބަލާއިރު އިގްތިސާދު ބޮޑުތަން ކުރިއަރަމުންދާކަން ޔަގީންވާ ކަމަށެވެ.

"އިގްތިސާދު ރަނގަޅުވެފައި އޮންނަތަން އެ ބޭފުޅުން [އިނދިކޮޅު ފަރާތްތައް] ބަލާކަށް ބޭނުމެއް ނުވޭ. ނަމަވެސް އިންޓަނޭޝަނަލް މަނިޓަރި ފަންޑް [އައިއެމްއެފް] ފަދަ ޖަމިއްޔާތަކުން ބުނަމުންދަނީ އެގޮތަށް. އަދި ރަނގަޅުވާ ކަމަށް ނަމްބާސް ތަކުން ދައްކާ. އެ ނަމްބާސް ތަކުން ދައްކަނީ ހަގީގަތް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓުގެ ކުރިއެރުމެއް ހޯދާނެ ކަމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނުދެއްކި ދަރާފައި ހުރި އެތައް ބިލެއްގެ ފައިސާ ދެއްކުމަކީ ވެސް އިގްތިސާދު ކުރިއަރަމުންދާ ކަމުގެ ހެއްކްއް ކަމަށެވެ.

"ޑެފިސިޓް [ދަރަނި] ބޮޑުވަމުން ދިޔަ ބަޖެޓް ބެލެންސް ބަޖެޓަކާ ދިމާލަށް އެންމެ ދެ އަހަރު ތެރޭގައި ގެނެވިއްޖެ. ރާއްޖޭގެ އިންފްލޭޝަން ކޮންޓްރޯލް ކުރެވިއްޖެ. ރާއްޖޭގެ ނޭޝަނަލް ގްރޮސް ރިޒާވް އިތުރުވަމުން އެބަދޭ. ޖޮބް މާކެޓަށް ބޭނުންވާ ނަމްބާސް އިތުރުވަމުންދާތަން ފެނޭ. ނުހެދި ހުރި ރިސޯޓުތައް ހަދަމުން އެބަދޭ. ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން 373 މިލިއަން ޑޮލަރުގެ ލޯނެއް ލިބިއްޖެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކުރިއެރުންތައް ނުފެންނަމަ، މިކަމުގެ ހަގީގަތް ހާމަކޮށް ނުދެވޭނަމަ އެއީ ސިޔާސީ ގޮތުން އޮޕޮޒިޝަންއެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ސައީދު ވިދާޅުވީ މީގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތައް އިތުރުވެ، ފޮރިން އިންވެސްޓްމަންޓްތައް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކައިފި. ސޯޝަލް ސްކީމް ވަރުގަދަ ވެއްޖެ. ރާއްޖޭގެ އުތުރުން ދެކުނަށް ބަލާނަމަ މަޝްރޫއެއް ނުހިނގާ ރަށެއް ނެތް،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ދެ އަހަރު ތެރޭގައި 40،000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިއްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި އޮތީ 2018 ވަނަ އަހަރު އަންނަވާއިރަށް 90،000 ވަޒީފާ އުފެއްދުން. އިރާދަކުރެއްވިޔާ އެކަން ކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.