ޑޮލަރު ލިބުމަށް ހުރި ދަތި ނައްތާލައި މިއަހަރުގެ ތެރޭގައި އެކްސްޗޭންޖު ރޭޓް ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އާމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް މިރޭ ސަލްޓަންޕާކްގައި ބޭއްވި ފޯރަމްގައި މިނިސްޓަރު ސައީދު ވިދާޅުވީ އިގްތިސާދު ކުރިއަރުވަން ބަލާއިރު ކުދި ވިޔަފާރިތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ޑޮލަރު ލިބުން ދަތިވުން ކަމަށެވެ.
ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަޅުބާޒާރު އޮތް ކަމަށް ގަބޫލުކޮށް، އެކަން ހައްލުކުރަން މަސައްކަތްކޮށްގެން ކަމަށާއި މިއަހަރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
"ރަސްމީ މާކެޓުގައި 15.42 އަކަށް ލިބެން ހުއްޓަސް ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް. މިހަގީގަތާ އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތައް އެބަހުރި، އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި އެކްސްޗޭންޖް ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ސަރުކާރުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ހަތް ބިލިއަން ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 122 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމުގައިވެސް ވިދާޅުވި އެެވެ.
ސަޢީދު ވިދާޅުވީ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުދި ވިޔަފާރިތަކަށް ފައިސާ ހަމަަޖއްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށްވާތީ އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަަށްދާ ކަމަށެވެ. ބޭރުގެ އެހީއާއެކު ކުދި ވިޔަފާރިތަކަށް ލޯނުތަކެއް ދޫކުރަން ތައްޔާރުވަމުންދާ ކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެގޮތުން ދޫކުރާ ލޯންތަކުގެ ތެރެއިން 50 މިލިއަން ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ ލޯނުތަކެއް އަންހެން ވިޔަފާރިވެރިންނަށް ދޫކުރާނެ ކަމަށެވެ.
އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި "ކްރިއޭޓަ އިކޮނޮމީ" ހަބެއްގެ ބިންގާ އެޅުމަށް ތައްޔާރުވެފައިވާ ކަމަށާއި މިމަޝްރޫއަށް ފައިސާވެސް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. މިތަނުގެ މަސައްކަތް ނިމުން ޒުވާން ވިޔަފާރިވެރިންނާއި އީޖާދީ މަސައްކަތްތެރިންނަށް މަސައްކަތް ކުރާ ފަސޭހަ ޖާގަތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެެވެ.