މެންބަރު ހުސައިން މުހައްމަދު ލަތީފް

މޫސުމީ ގެއްލުންތަކަށް ފައިސާ ލިބުން އަވަސްވާންޖެހޭ: ނައިބް ރައީސް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުމުގެ މަސައްކަތް އިސްކަމެއްދީގެން ބާރަށް ކުރިއަށްގެންދަން ޖެހޭ ކަމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިތުރަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް ބާރުއަޅައި މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

ގްރޫޕް އޮފް 77 އެންޑް ޗައިނާ -- (ޖީ77)ގެ ދަށުން ޔުގަންޑާގައި ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބން ރައީސް ވަނީ ފައިނޭންސް ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވަކާލާތުކުރައްވާފަ އެވެ.

ނައިބް ރައީސް ހުސައިން ވިދާޅުވީ މި ފަނޑުން އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ގައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް އެކަނި ބެލުމުގެ ބަދަލުގައި، ފަންޑުން އެހީ ލިބޭ އުސޫލުތައް ވީހާވެސް ފަސޭހަކުރުން މުހިއްމު ކަމަށެވެ. ހަމަ ޖީ77 އިން އެ ޖަމާއަތުން އިސްކަންދޭ ކަންކަން ބައިނަލްއަގްވާމީ މައިދާނުގައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ފައިސާ އިތުރުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކޮޕް 28 ގައި "ލޮސް އެންޑް ޑެމޭޖް ފަންޑު" އަމަލީ ގޮތުން ހިންގުމުގައި ޖީ 77ގެ އެއްބައިވަންތަކަން މުހިއްމު ދައުރެއް އަދާކުރިކަން ފާހަގަކުރެއްވި އެވެ. އަދި ފަންޑުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ގައުމުތަކަށް ފަންޑުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ނައިބް ރައީސް ވަނީ ތަރައްގީވެފައިވާ ގައުމުތަކުން މި ފަންޑަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.

ހުސައިންގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ދިވެހިރާއްޖެ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން ތަކުރާރު ކުރެއްވި އެވެ. އަދި މި މައްސަލައަށް ބައިނަލްއަގްވާމީ މުޖުތަމައުން ހައްލެއް ހޯދެންދެން ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސް ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އެ ގައުމުގެ ކަމްޕާލާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައާއި ޖީ77ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.