ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ފިކުރީ ހަނގުރާމައާ ކުރިމަތިލުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމަށް އެދިވަޑައިގެންފި

މިއަދު ގައުމުތަކުގެ މިނިވަންކަން ނަގާލައި ސުންނާފަތި ކުރަމުންދަނީ ފިކުރީ ހަނގުރާމައެއްގެ ތެރެއިން ކަމަށްވާތީ ޒުވާނުން އެކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އިލްތިމާސް ކުރައްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ދިވެހި ގައުމު މިނިވަންކަމާ އެކު މިއަދާ ހަމައަށް ގެނެސްދީފައިވަނީ ދޮންބަންޑާރައިން ފަދަ އެތައް އަބްތާލުންގެ ގައުމީ ޖިހާދުގެ ތެރެއިން ކަމަށެވެ.

މިއަދު ކަނޑި އާއި ބަނޑި ބޭނުންކޮށްގެން ހަނގުރާމަ ކުރުމަށްވުރެ ފިކުރީ ހަނގުރާމަ ކޮށްގެން ގައުމުތަކުގެ މިނިވަންކަމަށް ދޭ ގެއްލުން ބޮޑު ކަމަށްވެސް ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން މިއަދުގެ ޒުވާނުންނަކީ އެފަދަ ފިކުރީ ހަނގުރާމަތަކާ ކުރިމަތިލެވޭ ފަދަ ހުނަރާއި ގާބިލްކަން ހުރި ބަޔަކަށް ވުމަށް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ.

ނައިބް ރައީސް ވިދާޅުވީ ފިކުރީ ހަނގުރާމަތަކާއި އިންޓަނެޓް ބޭނުންކޮށްގެން ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ސިޔާސީ ގޮތުން ގައުމުތައް ހަލަބޮލިކޮށް ސަގާފަތާއި ގައުމިއްޔަތާ ތޮޅުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށެވެ.

"މިއަދު ހައިބްރިޑް ހަނގުރާމައިން ދަފާރާވުމަށް ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި. ސައިބާ ރައްކާތެރިކުރުމުގެ ތަމްރީނުުތައް ދީ ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދޭން އެބަޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި އަދި ގައުމީ މަސްލަހަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ ގައުމުގެ މަސްލަހަތަށްޓަކައި އެމަނިކުފާނާ އެކު ކުރިއަށް ދާންޖެހޭ ކަމަށެވެ.

ގައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި އަބްތާލުންނަށް ޝުކުރު އަދާކުރެވޭނީ ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ވެގެން ކަމަށްވާތީ އެކަމަށް މަސައްކަތް ކުރުމަށް ނައިބް ރައީސް ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.